English Edition
Dhivehi Edition
ފޮޓޯ: ވަން އޮންލައިން

މިދިޔަ މަހު 18 އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 8015 ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފިއެވެ.

2019 ވަނަ އަހަރު ކުރިމަތިވި ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް 2020 ވަނަ އަހަރު ހުއްޓާލުމަށްފަހު ގާތްގަނޑަކަށް 3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ އެއަރލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. އެދުވަހު އެކަނިވެސް ރާއްޖެއަށް 198 ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، އެޤައުމަކީ މިހާރު ރާއްޖެއަށް 08 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

ބޭރު ދުނިޔޭގެ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2022 ވަނަ އަހަރު ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޭން ވެވިފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއި ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ ނިސްބަތް އިތުރުވުމުގެ އެހެން ސަބަބެއް ކަމުގައި ރާއްޖެއާއި ޗައިނާގެ ފަތުރުވެރިކަން ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވަނީ ރާއްޖެއަށް ދަތުރުކުރެވޭނެ ސީދާ ފްލައިޓްތައް ޗައިނާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރުމުގެ އިތުރުން ލުއިފަސޭހަ އިންތިޒާމުތަކެވެ.

ރާއްޖެއަށް ދަތުރުކުރާ ގިނަ ޗައިނާ ފަތުރުވެރިންނަކީ އޮންލައިން އެޕްލިކޭޝަންތަކުން ރިޒަވޭޝަން ހައްދައިގެން ދަތުރުކުރާ ފަތުރުވެރިންނަށް ވާއިރު ރާއްޖެ އަށް ދަތުރު ކުރުމަށް އެ ވަސީލަތްތައް ބޭނުންކުރާ ޗައިނާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށްވެސް ބޭރުގެ ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ، އެގޮތުން ރާއްޖެއަށް އަންނަ ޗައިނާ މީހުންގެ ތެރެއިން ނިސްބަތުން ގިނަ ފަތުރުވެރިންތަކެއް ބޭނުންކުރާ އޮންލައިން ޓްރެވެލް އޭޖެންސީ އެއް ކަމުގައިވާ ގުނާރު ޑޮޓް ކޮމްގައި މިދިޔަ ހުކުރު ދުވަހު އެކަނިވެސް ރާއްޖެ އާއި ގުޅޭ މައުލޫމާތު ހޯދައިފައިވާ މިންވަރު ވަނީ 126 އިންސައްތަ އިތުރުވެފައެވެ. އެ ރިޒަވޭޝަން ކޮމްޕެނީ އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ މަހާ އަޅާ ބަލާއިރު ރާއްޖެ އައުމަށް އެކަމުގެ މައުލޫމާތު ހޯދާ ޗައިނާ މީހުންގެ އަދަދު މި މަހު އިތުރު ވެފައިވާ އިރު ކުރިއަށް އޮތް ތަނުގައި އެ އަދަދު މިއަށްވުރެން އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން އިތުރު އޮންލައިން ޓްރެވެލް އޭޖެންޓެއް ކަމުގައިވާ ޓްރިޕް ޑޮޓް ކޮމް އިން ރާއްޖެއާއި ގުޅޭ މައުލޫމާތު ހޯދާ މިންވަރު 200 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އޭޖެންސީ އިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އަގޯޑާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އާއި މެދު ދުވާލަކު އެތައް ފަރާތަކަށް މައުލޫމާތު ދެވިގެންދާއިރު މައުލޫމާތު ދެވޭ މިންވަރާ ބަލާއިރު ބުކިން ހައްދާ މީހުންގެ އަދަދުވެސް ވަރަށް ރަނގަޅެވެ.

ޗައިނާ އަކީ ކޯވިޑް19 ގެ ކުރިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމު ކަމުގައިވީއިރު ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ރިސޯޓުތަކަކީ ޗައިނާ ފަތުރުވެރިންނަށް ހާއްސަ ގިނަ ހިދުމަތްތަކެއް ލިބެން ހުންނަ ރިސޯޓު ތަކެވެ،