English Edition
Dhivehi Edition

ސިޔާސީ މަންފާއަށް ވިޔަސް ޗައިނާއާ ދިމާލަށް އެއްޗެހިކިޔުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފި އެވެ.

ޝަރީފް ވިދާޅުވީ ޗައިނާ އިން ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުން އަނެއްކާ ވެސް ރާއްޖޭގެ ފަތުރުވެރިކަން މާބޮޑުތަނުން ވެސް ރަނގަޅުވާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ވެސް ލިބޭނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ބައެއް ބޭފުޅުންގެ އަމިއްލަ މަންފާއަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު އެއްބައިވެރިޔާ ޗައިނާއާއި ދިމާކޮށް، އެއްޗެހި ކިޔުން ހުއްޓާލަންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ގާތްގުޅުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތް ނަމަވެސް، އެމްޑީޕީ ވެރިކަމަށް އައިފަހުން އެ ގުޅުން ހީނަރުވެ، އަވަށްޓެރި އިންޑިއާ އާ އެކު ވަނީ ގާތްގުޅުމެއް އުފްދާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ތަރައްޤީގެ ގިނަ މަސައްކަތައް ޗައިނާ އިން ހިންގާފައިވާއިރު، ރާއްޖެއިން ވަނީ ބޮޑެތި އަދަދުތަކުން ލޯނުވެސް ނަގާފަ އެވެ.

މިދަރަންޏާއި ގުޅޭގޮތުން އެންމެބޮޑަށް ވާހަކަދައްކަވާ އެއްބޭފުޅަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާއިން ލުއިދެމުން އަންނައިރު، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލަން އެ ޤައުމުން ވަނީ ނިންމާފަ އެވެ.

މިއާއިއެކު ޗައިނާގެ ފަތުރުވެރިން މިހާރު އަންނަނީ ދަތުރުކުރުމަށް ތައްޔާރުވަމުން ނެވެ. ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއިއެކު ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއިއެކު މިވީ 3 އަހަރުގެ ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

ޗައިނާގެ 3 އެއަރލައިނަކުން މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނެއެވެ. ޗައިނާއިން ރާއްޖެއަށް ދަތުރުފެށުމަށް ހަމަޖެހިފައިވާ އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ ބެއިޖިންގ ކެޕިޓަލް އެއަރލައިން، ޗައިނާ އީސްޓަން އެއަރލައިން އަދި ހޮންގްކޮންގ އެއަރލައިންއެެވެ.