English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(ޑްބ.ލިއު.ޑީ.ސީ) އިން އައްޑޫ ސިޓީގައި ޖަނާއިޒް ކޯހެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯސްތައް ކުރިއަށް ދަނީ ހުޅުމީދޫގެ، ފޭދޫގެ އިތުރުން ހިތަދޫގައެވެ. މި ކޯހާއި ބެހޭ ގޮތުން މައުލޫމާތުދެމުން އެ ކޮމިޓީގެ ރައިސާ އައިޝަތު ނަދާ ވިދާޅުވީ މި ކޯހުގެ އެންމެ ބޮޑު އެއް މަގްސަދަކީމިހާރު އައްޑޫ ސިޓީގައި ކަށްހިނަވާ މީހުން ވަރަށް ބޮޑަށް މަދުވެ އެކަމުގައި ދަތިތައް ކުރިމަތިވެފައިވާތީ އެ މައްސަލައަށް ހައްލެއް ގެނައުންކަމަށެވެ.

މީގެ އިތުރުން ނަދާ ވިދާޅުވީ މުޅިން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކޮންމެ ޖިންސެއްގެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށެވެ.”މިކަމަކީ ދީނީ ކަމަކަށްވީ ހިދު ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ބޭނުންވީ މިކަން ދަސްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހިލޭ ސާބަހަށް މި ކޯސް ކުރިއަށް ގެންދަން. އެހެންކަމުން މި ކޯހުގައި ކޮންމެ ޖިންސެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް” ނަދާ ވިދާޅުވިއެވެ. މީގެ އިތުރުން ނަދާ ވިދާޅުވީ މި ކޯސް ފުރިހަމަކޮށް ޓެސްޓުން ފާސްވާ ކޮންމެ މީހަކަށް ކަށްހިނެވުމުގެ ސަނަދު ލިބިގެންދާނެކަމަށެވެ” ކޯހުން ފާސްވާ ފަރާތްތަކަށް މި މަސައްކަތްކުރުމުގެ ސަނަދު ލިބިގެންދާނެ. ކޮމިޓީއިން ބޭނުންވަނީ މި މަސައްކަތް ދަސްކުރާ ކޮންމެ މީހަކީ އަމަލީ މައިދާނުގައި މިކަން ކުރާ މީހަކަށްވުން.”ނަދާ ބުންޏެވެ.

ކުރިން ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަށް އެކަށީގެންވާ އަދަދަށް ބައިވެރިން ލިބިފައި ނުވާތީ އެ ކޮމިޓީއިން ވަނީ ކޯސް ފަށާ މުއްދަތު ލަސްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޮތުން އަންނަ މާޗްމަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 7600035 އަށް ގުޅުމަށް އެ ކޮމިޓީއިންވަނީ އެދިވަޑައިގެންފައެވެ.