English Edition
Dhivehi Edition
ހުޅުމީދޫގައި ކުރިއަށްދާ އިނގިރޭސިބަސް ދަސްކޮށްދޭ ކޯހުގެ ބައިވެރިންނާއި އޮފިޝަލުން

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޔޫ ގުޅިގެން އިނގިރޭސިބަސް ދަސްކޮށްދޭ ކޯހެއް ހުޅުމީދޫގައި ފަށައިފިއެވެ.

ޑިސެންބަރ 5 ވަނަ ދުވަހު ފެށި މިކޯހުގައި ހުޅުދޫއާއި މީދޫ އިން ޖުމްލަ 23 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން އެންމެ ބައިވެރިއަކު ފިޔަވައި އެހެން އެންމެންނަކީ އަންހެނުންނެވެ. ކޯހުގައި ކިޔަވައި ދެއްވަނީ ސ.އަތޮޅު މަދްރަސާގެ އިނގިރޭސި މުދައްރިސާ ނާސިޙާ ޢަބްދުﷲއެވެ.

މިއީ މުޖުތަމަޢުގައި އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައި ގޮންޖެހުންތަކުން އަރައިގަތުމުގައި ދިވެހި ބަހުގެ އިތުރުން އިނގިރޭސިބަހުން މުޢާމަލާތު ކުރުމަށް ދަސްކޮށްދިނުމުގެ މަޤްސަދުގައި ހިންގާ ކޯހެކެވެ. އެގޮތުން މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ކޯސް ނިމޭ އިރު އިނގިރޭސި ބަހުން ލިޔެ ކިއުމާއި ވާހަކަ ދެއްކުމުގެ ހުނަރު ލިބިގެން ދާނެއެވެ.

މިކޯހާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީ ޑަބްލިއުޑީސީގެ ނައިބްރައީސާ ނަޢުމާ ޢަބްދުﷲ ވިދާޅުވީ މިއީ ހުޅުމީދޫގެ ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ ކަމެއް ކަމަށާއި ޑަބްލިއުޑީސީން މިފަދަ ކޯހެއް ހުޅުމީދުއަށް އަމާޒުކުރީވެސް މިކަމަށް ހުޅުމީދޫން ދެއްވި އެއްބާރުލުމާއި ގުޅިގެން ކަމަށެވެ. ނަޢުމާ ވިދާޅުވީ ޢާންމު ދިރިއުޅުމުގެ މުހިއްމު ކަންކަމުގައި އިނގިރޭސި ބަހުން މުއާމަލާތު ކުރުން އިތުރުވެފައިވާ މިދަނޑިވަޅު މިއީ ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

” ޑޮކްޓަރުންނާ މުޢާމަލާތު ކުރަން ނުވަތަ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޓީޗަރުންނާ ވާހަކަ ދެއްކުމުގައި ގިނަ މީހުންނަށް ގޮންޖެހުމަކަށް ވެފައިވާތީ އެކަމަށް ލުޔެއް ހޯދައިދިނުން ބޭނުމަކީ.

އަމިއްލަ ވައިބާ ގުރޫޕުތަކަށް އިނގިރޭސިން ފޮނުވާލާފައި ހުންނަ މެސެޖްތަކަށް ޖަވާބު ދޭން އެނގުން އެއީވެސް މުހިންމު ކަމެއް. ނަޢުމާ ވިދާޅުވިއެވެ. މިއީ ސިލްސިލާކޮށް ޑަބްލިއުޑީސީން ކުރިއަށްގެންދާ އިނގިރޭސި ކޯހުގެ ދެވަނަ ބުރެވެ. މިކޯހުގެ ފުރަތަމަ ބުރު އޮތީ ހިތަދޫ ކެންޕަހުގައެވެ. އެކޯހަށްވެސް ވަނީ ބޮޑު ތަރުޙިބެއް ލިބިފައެވެ.

އައްޑޫސިޓީ ޑަބްލިއުޑީސީ ފާހަގަވެފައިވަނީ އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންގެ ހުނަރުތައް ތަރައްޤީ ކުރުމުގެ އިތުރުން މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނަށް އަޅާލާ، އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކޮމިޓީއެއްގެ ގޮތުގައެވެ.

އެގޮތުން މިހާރު ވެސް ދަނީ އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި ދެކޮޅަށް ހިންގާ ކެންޕޭންގެ ދަށުން އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ހޭލުންތެރި ކުރުމާއި ގުޅޭ ބިލްބޯޑު ބެހެއްޓުމުގެ ޙަރަކާތެއް ހިންގަމުންނެވެ.

މަރަދޫގައި ބިލްބޯޑު ބެހެއްޓުން

އަންހެނުން ބާރުވެރިކުރުމާއި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި އެ މީހުންނަށް ލިބޭ އަނިޔާއާ ދެކޮޅަށް މިބޯޑުތަކުގައި ތަފާތު މެސެޖްތައް ލިޔެ ޢާންމުކޮށްފައިވެއެވެ.

ފޭދޫގައި ބިލްބޯޑު ބެހެއްޓުން