English Edition
Dhivehi Edition

ކޮވިޑް-19 އަށް ތިން ހަފްތާ ތެރޭގައި ވެކްސިނެއް އުފެއްދިދާނެ ކަމަށާއި އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ވެކްސިން ބޭނުން ކުރެވޭ ވަރު ކުރެވިދާނެ ކަމަށް އިސްރާއީލްގެ ސައިންސްވެރިން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ސައިންސާއި ޓެކްނޮލޮޖީ އާއި ބެހޭ މިނިސްޓަރ އޮފިރް އަކޫނިސް މީޑިއާ އާއި ވާހަކަ ދައްކަމުން ބުނީ ރޭވިފައިވާ ގޮތައް ކަންތައްތައް ކުރިއަށްދާނަމަ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ވެކްސިން ލިބެން ހުންނާނެ ކަމަށެވެ. ގަލިލީ ރިސާޗް އިންސްޓިއުޓްއިން ވެކްސިން އުފެއްދުމަށް ބޮޑު ކުރިއެރުމަށް ހޯދާފައިވާކަން އިއުލާންކޮށްފައިވާއިރު އެ އިންސްޓިއުޓްއިން ބުނީ ވެކްސިން އުފެއްދުމަށް ތިން ހަފްްތާ ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ އަހަރު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު މި ހާލަތުގައި ސައިންސްވެރިން ރެއާއި ދުވާލު މަސައްކަތްކުރަމުންދަނީ މި ވައިރަހަށް ރަގަޅު ވެކްސިނެއް އުފެއްދޭތޯއެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ ސައިންސްވެރިން ވެސް ކެނޑިނޭޅި ކުރަމުން އަންނައިރު މީގެ ކުރިން ސައިންސްވެރިންވަނީ މި ވައިރަހަށް ވެކްސިނެއް އުފެއްދުމަށް އެންމެ މަދުވެގެން 06 މަސް ނަގާނެކަމަށް ބުނެފައެވެ،

ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ދުނިޔެއަށް ފެތުރިގެން ދިއުމަށް އޮތް ވަގުތު ހައްތަހާ ކުޑަވަމުން އަންނަ ކަމަށާއި، ވީއެންމެ އަވަހަކަށް އެންމެ ފުރިހަމައަށް ބައްޔަށް ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިންވަނީ އިލްތިމާޒުކޮށްފައެވެ.