English Edition
Dhivehi Edition

ދެކުނު ކޮރެއާ އިން ކޮވިޑް-19 އާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ފެއިލް ވެއްޖެކަމަށާއި މިހާތަނަށް އެޅި ފިޔަވަޅުތަކުން ދަސްވި ކަންކަން ބޭނުން ކޮށްގެން ދެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

މިހާރި އެ ގައުމުގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު ދެކުނު ކޮރެއާ އަކީ ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ގައުމެވެ. އެ ގައުމުން މިހާތަނަށް 602 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސޭ-ކިއުން ވަނީ އެ ގައުމުގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެ ގައުމުގެ ބޮޑު ވަޒީރު ވަނީ މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ ގައުމަށް ވައިރަސް އެތެރެވިޔަ ނުދިނުމަށްކަމަށާއި އެކަމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ވައިރަސް އިތުރަށް ފަތުރިޔަ ނުދިނުމަށްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޗަންގް ވިދާޅުވީ މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ވައިރަސް ޖެހިފައިވާކަން ކަށަވަރު ކުރެވިފައިވާ މީހުންނާއި އެއްވެސް ގޮތަކަށް ބައްދަލުވެފައިވާ މީހުން ހޯދައި ޓެސްޓްކޮށް، ބަލި ޖެހިފައިވާ މީހުންނަށް އަވަހަށް ފަރުވާ ދިނުން ކަމަށެވެ.

ދެކުނު ކޮރެއާއިން މި ވައިރަސް ޖެހިގެން މިހާތަނަށް ފަސް މީހުން މަރުވެފައިވާއިރު ޗައިނާގެ ސައިންސްވެރިން ބުނީ ބަލީގެ އަލާމާތްތައް ނުފެނި 27 ދުވަސްވަންދެން ހުރެދާނެކަމަށާއި އެހެންކަމުން މިއީ ކުރިން ލަފާކުރެވިފައި އޮތްގޮތާއި ހިލާފަށް، މާހަލުވިކަމާއި އެކު ބަލި ފެތުރިގެން ހިނގައިދާނެ ސަބަބެއްކަމަށެވެ.