ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ ޓޫރުޒަމް މުނިސަޓަރު އަލީ ވަހީދު ދައްކާފައިވާ ވާހަކަތައްކަމަށް ބުނެ ދައުރު ވަމުން އަންނަ އޯޑިއޯތަކާއި ގުޅޭގޮތުން ތަޙްޤީޤެއް ހިންގައި އަލީ ވަހީދު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކެބިނެޓުގެ ބައެއް ވަޒީރުންނާ ބެހޭ ގޮތުން ދެެއްކެވި ވާހަކަތަކުގައި ބޭނުން ކުރެއްވި ހަޑިހުތުރު ބަސްތަކުގެ ސަބަބުން އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާ އޭނާއަށް ފާޑު ކިޔުންތައް އަމާޒުވަމުންދާ މި ދަނޑިވަޅު އަލީ ވަހީދު ކުރެއްވި ޓުވިޓެއްގައިވަނީ މިއީ އެކިއަޑު އެކިގޮތައް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއްކަމަށެވެ. “އަނެއްކާވެސް ތަކުރާރު ކޮއްލާނަން. ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން. ފުރިހަމަ ތަޙްޤީޤެއް ކުރުމުން ހަޤީޤަތް ސާފުވާނެ. އަޅުގަނޑު މައްޗަށް ވެސް ތަޙްޤީޤު ހިންގަވާ. ހަޤީޤަތް ފެންނާނެ.” އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ އޯޑިއޯ އާއި މީގެ ކުރިންވެސް ތަކުރާރުކޮށް އެއީ ބޮޑު އޮޅުވާލުމެއްކަމަށާއި އެއީ އޭނާ ކުރެއްވި ކަމެއް ނޫންކަމުގައި ވިދާޅުވެފައިވާއިރު އަލީ ވަހީދުގެ ދިފާއުގައި ނުކުންނަވައި އަޑުބަރޭ ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ.އަލީ ވަހީދު އާއި އަޑޫބަރޭ ދައްކާފައިވާ ވާހަކަތައް ކަމަށް ބުނެ މިހާތަނަށް ފަސް އޯޑިއޯ އެއް ލީކުކޮށްލާފައިވާއިރު އެ އޯޑިއޯތަކުގައި އެންމެ ބޮޑަށް މަލާމާތްކޮށް ހުތުރުއެއްޗެހި ކިޔާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޓޫރިޒަމް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށެވެ.