ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރެއްވުމަށް އެ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އާޢިޝަތު ނަހުލާ (އަޢިޝާ)ހާމަކުރައްވައިފިއެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަޢިޝާ މަޖިލީހަށް ވާދަކުރައްވާއިރު އެކަމަނާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން އެކަމަނާގެ ފިރިކަލުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމްއާއި ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލައްލައި ކުރި އަނިޔާތަކާ ގުޅިގެންނެވެ.
އަދި އެކަމަނާވަނީ ރައީސް ސާލިހަށް ކެމްޕެއިން ކޮށްދެއްވުމަށް އެމަނިކުފާނާއިއެކު ގިނަ ރަށްތަކަށްވަޑައިގެންނެވުމުގެ އިތުރުން ގިނިކަންޏާވެސް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިންކުރައްވާފައެވެ.
އެއަށްފަހު 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސް ޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިނިސްޓަރގެ މަޤާމް އަދާކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ހިންގެވި ފުރަތަމަ އަންހެން ވަޒީރެވެ.
އަޢިޝާވަނީ އެތައްދުވަހެއްވަންދެން ވުޒާރާގެ މަސައްކަތް ހުއްޓިފައި ވަނިކޮށް ވުޒާރާއާއި ހަވާލުވެވަޑައިގެން އެތައް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައެވެ.
އެގޮތުން ދާއިރާއާ ގުޅުންހުރި އެހެންނަމަވެސް އެހާތަނަށް ހުއްޓިފައިހުރި ގަވާއިދުތަކާއި ގާނޫނުތަކަށް އަމަލުކުރަންފެށުމާއި ވުޒާރާގެ ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ޒަމާނުންސުރެއް ބޭނުންކުރަމުންއައި އޮފީސް އައު އިމާރާތަކަށް ބަދަލުކުރައްވާ ހިދުމަތްތައް ޑިޖިޓަލައިޒްކުރައްވާފައިވެއެވެ.
އަޢިޝާގެ ވަޒީރުކަމުގެ ގިޔާދަތުގެ ދަށުގައި ރައްޔިތުން ބަލައިގަތް އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އަޢިޝާވަނީ 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުކަމުގެ ފަހުރުވެރި މަގާމުވެސް ހޯއްދަވާފައެވެ.
މީގެއިތުރުން އެކަމަނާއަކީ އިޖްތިމާއީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަބޭކަނބަލެކެވެ.
އެގޮތުން އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ )ގެނަމުގައި ޖަމްޢިއްޔާއެއް އުފައްދަވާ ޖަމިއްޔާގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އެތައް މަސައްކަތެއް ކޮށްދެއްވަމުންނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން އެކަމަނާ ނިންމެވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންއަންނަ ދަތިތަކަށް ހައްލުހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ސަރުކާރާއި ގުޅިގެން ގާނުނު ހަދާ މަޖިލީހުގެ ތެެރެއިންކޮށްދިނުމަށްޓަކައެވެ.
މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުންދެއްވުމަށް އެކަމަނާވަނީ އެދިވަޑައިގެންފައެވެ.