English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: މުހައްމަދު އައުޒަމް (ވަން އޮންލައިން)

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނީ މައްސަލ ކުރިއަށް ނުގެންދަން ނިންމީ، އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން އަނިޔާ ލިބުނު މީހުންނާއި ހެކިން ހެކިބަސް ދޭން އިންކާރު ކުރުމުން ކަމަށެވެ. އަދި މި މައްސަަލައިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

މި މައްސަލައިގައި ހެކިންގެ ހެކިބަހާއި ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ، މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރު ވެސް ކުރިއެެވެ. އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ނެރުނު އަމުރެއްގައެވެ.

ނަމަވެސް އަލީ ވަހީދު ހާޒިރުނުވުމުން އެ ކޯޓުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ 7 ދައުވާއެއް އުފުލާފައެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެވެ. އަދި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.