English Edition
Dhivehi Edition

ކީ ސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން، ގުރުއާން މާއްދާ އިން އެސެސްކުރުން މަޑުޖައްސާލަން އެޑިއުކޭޝަނުން ނިންމި ނިންމުމަކީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑައްވަރީ ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ތުހުމަތު ކުރައްވައިފި އެވެެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވެވި ސާކިއުލާއާއި ގުޅިގެންނެވެ. އެ ސާކިއުލާގައި ވަނީ ދަރިވަރުންނަށް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށާއި އެހެންވެ އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.އަދި މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ތިބީ ގުރުއާން މާއްދާ އިން އިމްތިހާނެއް ހަދަން ތައްޔާރުކޮށްފައި ނޫންކަން ވެސް ސާކިއުލާގައި ވަނީ ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާއާއި ގުޅިގެން ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފު ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.މި ގޮތުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް މި ބާވަތުގެ ދީނީ ކަންތައްތައްކަށް ފަސް ޖެހޭ، ދީނީ އެހެން ފިކުރުތަކެއް ފަތުރަން މަސައްކަތް ކުރާ ބަޔަކަށް ވާތީވެ، ހަމަ ގަސްތުގައި ކަނޑައެޅިގެން ސަރުކާރުގެ ރޭވުމެއްގެ ތެރެއިން ގުރުއާނަށް މިގޮތަށް ހަދަމުން ގެންދަނީކަމަށެވެ. “ކިހިނެތްތޯ ސަރުކާރަށް ބުނެދޭނީ އެހެން މާއްދާތަކަށް ދަރިވަރުންތިބީ ތައްޔާރުވެފައި ކަން. “އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ރޭވުމެއްގެ ދަށުން ކަނޑައެޅިގެން ގުރުއާނާއި އިސްލާމް ދީނަށް އަހައްމިއްޔަތުކަން ނެތް ކަން ރައްޔިތުންނަށް އަންގައި ދިނުމަށްމައްޓަކައި ސީދާ ރައްޔިތުން ޓެސްޓު ކުރަނީކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ތައުލީމީ ދާއިރާއަށާއި ތައުލީމީ މަންހަޖަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައިކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުގައި ތައުލީމީ ނިޒާމް ފެންނަނީ، ކަންބޮޑުވާ ދަރަޖައެއްގައި ކަމަށާއި ތައުލީމީ މަންހަޖު ތަންފީޒު ކުރުމުގައި މި ސަރުކާރު ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށެވެ.

ގުރުއާން އެސެސްކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރިއިރު، ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. އެކަމަކު އެ ތުހުމަތުތައް މިނިސްޓްރީން ދޮގުކުރެ އެވެ.