English Edition
Dhivehi Edition
މަތިކިޅި އިކޯ ގާޑަން މަތިން ފެންނަ ގޮތް: ފޮޓޯ- މަތިކިޅި ސޮސައިޓީ

މަތިކިޅި އީކޯ ގާޑަނަކީ، އައްޑޫ ސިޓީ މީދޫގެ އިރުމަތީ ފަޅީގައި، ސަރާސަރު ސަރަހައްދަކަށް ފެތުރިފައިވާ ޗަސްބިމާއި ކުޅީގެ މެދުތެރޭގައި ހަދާފައިވާ ހިތްގައިމު ގާޑަނެކެވެ. އަޞްލު މަޢުޟޫއަށް ޖެހިލުމުގެ ކުރީން، މި ގާޑަން އޮތް މާހައުލުގެ އެންމެ ޚާއްސަ ސިފަތައް ފާހަގަކުރުމުގެ އިތުރުން ތާރީޚީ ނަޒަރަކުން މާހައުލުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލާނަމެވެ. އާދެ! މަތިކިޅީގެ އެންމެ ތަފާތު އަދި ފެންނަ ފެނުމަށް އެންމެ ރީތި ސިފައަކީ، އެއް އުސް މިނަކަށް ބޯކޮށް ހެދިފައިވާ ކާފަރުހުއި ނުވަތަ ކާފަރުބުރުން މާހައުލަށް ގެނެސްދޭ ނަޔާރީތި ފެހިކަމެވެ. މަތިހަމަކޮށް ހެދިފައިވާ ކާފަރުހުއިތައް ގަތާލެވިގެން، ސަރާސަރު ސަރަހައްދަކަށް ފެތުރިފައިވާއިރު، ފެންނަނީ ނިމުމެއްނެތް ފެހި ވާދީއެއްގެ ސިފައިގައެވެ. އެހެން ގޮތަކަށް ސިފަކުރާ ނަމަ ލޮލުކޮޅަށް އޮބާލަން ދެންވެސް ފެންނަނީ ފަތުރާލެވިފައިވާ ފެހި ދޫލައެއްގެ ސިފައިގައެވެ. އެއާއެކު މާހައުލަށް އިތުރު ހިތްގައިމުކަން ގެނެސްދެނީ މުޅި މަތިކިޅީގެ ވަށައިގެން އުސްކޮށް ހެދިފައިވާ ހޭޅިފަށެވެ. ފޮރެސްޓް ލައިނެއްހެން ހެދިފައިވާ ހޭޅިފަށް ސިފަވަނީ ކުޅީގެ ވަށައިގެން ލެވިފައިވާ ގްރީން ބޭންޑެއްގެ ގޮތުގައެވެ. މި ހޭޅިފަށުގައި އެންމެ ގިނައިން ހެދިފައިވަނީ ދިއްގާ ގަހާއި ކަށިކެޔޮ ގަސްތަކެވެ. މަތިކިޅި ވަށައިގެން މި ފަދަ ހައި ވެޖްޓޭޝަން ލައިނެއް އޮތުމުން، މަތިކިޅި ވެފައި ވަނީ ސްޕެޝަލް ސެކުލޫޑެޑް އެންވައަރމެންޓަކަށެވެ. އާދެ! ރަށުގެ ކާރޫބާރޫތަކާ ދުރުގައި އޮންނަ ވަކި ޚާއްސަ ސިފަ ތަކެއް ލިބިގެންވާ އެކަހެރި މާހައުލެކެވެ. މި ދެންނެވިހެން ކުޅީގެ ހޭޅިފަށުގައި އުސްކޮށް ހެދޭ ބާވަތުގެ ގަސްތައް ހެދިފައިވީ ނަމަވެސް، ފަންސާހަކަށް ހެކުޓަރަށް ފެތުރިފައިވާ ކުޅީގެ މެދުތެރޭގައި، އުސްކޮށް ހެދިފައިވާ ދަނޑިގަނޑުލީ އެންމެ ގަހެއް ވެސް ނެތެވެ. އެއީ މަތިކިޅި ވައްތަރުގެ ވެޓްލޭންޑު އިކޯ ސިސްޓަމްގެ ތަބީޢީ ސިފައަކަށް ވާތީއެވެ. ތަފާތު ވައްތަރުގެ ވެޓްލޭންޑުތައް ހުންނަ އިރު މަތިކިޅި ޗަސްބިން ނުވަތަ ވެޓްލޭންޑު ހިމެނެނީ ” މަރޝް ނުވަތަ މަރޝެސް” ވައްތަރުގެ ވެޓްލޭންޑެއްގެ ގޮތުގައެވެ. މަތިކިޅި ހިމެނެނީ ރާއްޖޭގައި އޮތް މި ވައްތަރުގެ އެންމެ ބޮޑު ސަރާސަރު ޗަސްބިމުގެ ގޮތުގައެވެ.

ފޮޓޯ- މަތިކިޅި ސޮސައިޓީ

ތާރީޚީ ގޮތުން ބަލާއިރު، މީގެ ސާޅީހަކަށް އަހަރު ކުރީން މަތިކިޅީގެ އެކި ތަންތަނުގައި އެކި ވަރުގެ ފެންގަނޑުތައް އޮތެވެ. އެއިގެ ތެރެއިން މަތިކިޅީގެ މެދެއްހާ ހިސާބުގައި ހެޔޮވަރަކަށް ބޮޑު ދެތިން ފެންގަނޑެއް ވެސް އޮތެވެ. އެ ފެންގަނޑުތައް އޮތް ދުވަސްވަރު ރަށުމީހުން އެއަށް ކިޔަނީ ފެންފިލަ ކޯރެވެ. އެހެން ކިޔަނީ ގިނަ އަދަދަކަށް ފެންމީރުމަސް( އައްޑޫ : ފެންފިލަ) އާލާވާ ފެންގަނޑު ތަކަކަށް ވާތީއެވެ. އިހުޒަމާނުގައި، ހުޅުދޫ މީދޫގެ މަސްވެރިން މި ފެންފިލަ ކޯރުން ފެންފިލަ ޖަހައިގެން، އެމެއްގެ ގޮތުގައި ކަޅުބިލަމަސް ބާނަން ގެންދާ ކަމަށް ވެސް އިހުމީހުންގެ ފަރާތުން އެނގިފައިވެއެވެ. ކޮންމެއަކަސް ކޯރެއްގެ ނަމުން ނަން ކިޔާނީ ނިސްބަތުން ބޮޑު ފެންގަނޑު ތަކެއްގެ ގޮތުގައި އޮތުމުން ކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް މީގެ ތެރެއިން ގިނަ ފެންގަނޑުތައް ވަނީ މީގެ ތިރީސް ވަރަކަށް އަހަރު ކުރީން މުޅީން ހިކި ޗަސްބިމަށް ބަދަލުވެފައެވެ. ޒަމާނާއެކު ދުނިޔޭގެ ތިމާވެއްޓަށް އަންނަމުން އައި ބަދަލު ތަކާއެކު މަތިކިޅީގެ ތިމާވެއްޓަށް ވެސް އައި ބޮޑު ބަދަލެއްގެ ސަބަބުންނެވެ. މި ގޮތަށް ގިނަ ފެންގަނޑުތައް އެއްކޮށް ހިކުނު އިރު، މުޅިން ނުހިކި އޮތީ ކުޑަވަރެއްގެ ދެތިން ފެންގަނޑެވެ. އެއިގެ ސަބަބުން ކުރީން މަތިކިޅީގެ ފެންގަނޑު ތަކުގައި ގިނަ އަދަދަކަށް އާލާވެފައިވާ ފެންމީރުމަހާއި ބޭންގުގެ ދިރުންތައް މުޅިން ނެތިދިޔުމުގެ ނުރައްކަލަށް ހުށަހެޅުނެވެ.

މަތިކިޅި އީކޯ ގާޑަންގެ ފެށުމަކީ، މި ދެންނެވި ދެތިން ފެންގަނޑުގެ ތެރެއިން އެންމެ ފަހަކަށް މުޅީން ނުހިކި އޮތް ފެންގަނޑު ރިވައިވްކޮށް، ފެންމީރުމަހާއި ބޭންގުގެ ސްޕީސެސް ހިމާޔަތްކޮށް އާލާކުރުމަށްޓަކައި ފެށި މަސައްކަތެވެ.

“ދެހާސް ސަތާރަ ވަނައަހަރުގެ ތެރޭގައި އަޅުގަނޑުމެން އެ މަސައްކަތްކުރަމުން ދިޔައިރު އުފަންވެ ފައްކާވަމުން އައި ވިސްނުމެއް އަދި ތަޞައްވުރެއްގެ ނަތީޖާ ، މަތިކިޅި އީކޯ ގާޑަނަކީ” މަތިކިޅި އީކޯ ގާޑަނުގެ އެއް ފައުންޑަރ އަދި އެންމެ ބޮޑު އެއް ސަޕޯރޓަރ ކަމަށްވާ، އަބްދުއްލާ ޒުހުރީ އޭއޯނިއުސްއަށް ކިޔައިދެއްވިއެވެ.

މިހާތަނުން، މަތިކިޅީގެ ޚާއްސަ އެޓްރެކުޝަން ޕޮއިންޓް ކަމަށްވާ މަތިކިޅި އީކޯ ގާޑަނުގެ މައިގަނޑު ސެޓިންސް ހުރިގޮތުގެ މައްޗަށް ނަޒަރު ހިންގައިލާނަމެވެ. އާދެ، މަތީގައި ދެންނެވި ފަދައިން ރިވައިވްކުރެވުނު ފެންގަނޑާއި އެއިގެ ކައިރިން ވަށައިގެންވާ ސަރަހައްދަކީ މިހާރު މަޝްހޫރު މަތިކިޅި އީކޯ ގާޑަނެވެ. މަތިކިޅި ފަދަ ގުދުރަތީ މާހައުލަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެޑްއޮން އެއްގެ ގޮތުގައި ރާއްޖޭގައި ހެދުނު ފުރަތަމަ ވެޓްލޭންޑު ގާޑަން ޕާކެވެ. އާދެ! ރާއްޖޭގެ އެހެން ކުޅިތަކާއި ޗަސްބިމުގައި ތަރައްގީކޮށްފައިވާ ނޭޗަރ ޕާކުތަކުގެ ސިލްސިލާއަށް އިތުރުވެގެން އައި ތަފާތު “ޚާއްސަ އެޑިޝަން” އެކެވެ. އެގޮތުން މަތިކިޅި އީކޯ ގާޑަނުގެ އެންމެ ބޮޑު ތަފާތަކީ، ވަށައިގެން ފެންގަނޑު އޮންނަހެން އޮތް ކުޑަކުޑަ ތިން ރަށާއި، އެއިގެ އެއް ރަށުން އަނެއް ރަށަށް ދެވޭ ގޮތަށް ގާޑަން ބުރިޖާއި ވޯލްވޭތަކުން ގުޅުވާފައި އޮތުމެވެ. ރަށްރަށް ކިތަންމެ ކުޑަޔަސް އަދި ބުރިޖް ތައް ކިތަންމެ ކުޑަޔަސް، މީގެ އެއް ރަށުން އަނެއް ރަށަށް ބުރިޖަކުން ހިނގާފައި ދެވުމުން ކުރެވޭ އިހުސާސަކީ ދާދި އެއްކަހަލަ އިހުސާސެކެވެ. އާދެ އެއް ފަޅެއްގެ ތެރޭގައި އޮންނަ އެއް ރަށުން އަނެއް ރަށަށް ބުރިޖެއް ހުރަސްކޮށް ދިޔުމުން ކުރެވޭ އިހްސާސް އެވެ. މީގެ އިތުރުން ކުޑަ ހަޓަކާއި ގިނަ ބަޔަކަށް އިށީދެވޭ ގޮތަށް ގާޑަން ބެންޗްތައް ބަހައްޓާފައި ވެއެވެ. ކުރީގައި ބުނެވިދިޔަ، ރިވައިވްކުރެވިފައިވާ ފެންގަނޑުގައި ގިނަ އަދަދަކަށް ފެންމީރުމަހާއި ބޭންގު އާލާކުރެވިފައިވުމުން މާހައުލަށް އިތުރު ދިރުން ގެނެސްދެއެވެ. ތަނުގެ ގުދުރަތީ މާހައުލާ ގުޅޭގޮތަށް މި ދެންނެވި ފީޗަރސްތައް ހިމަނައިގެން ހަދާފައިވާ އީކޯ ގާޑަނާއެކު، މަތިކިޅީގެ ސަރާސަރު ސަރަހައްދު ފެންނަ އިރު ހަގީގަތުގައި ވެސް ވަރަށް ތަފާތުވެފައި އެހާމެ ރީއްޗެވެ. އެހެންކަމުން މިތާގެ ބައެއް ފޮޓޯތައް ފެނުމުން ދިވެހިރާއްޖޭގެ މަންޒަރެއް ކަމަށް ތަޞައްވަރުކުރަން ވެސް ބައެއް މީހުންނަށް ދަތިވެއެވެ.

ފޮޓޯ- މަތިކިޅި ސޮސައިޓީ

ކޮންމެއަކަސް މަތިކިޅީގެ ގެއްލިފައިވާ ގުދުރަތީ ރީތިކަން އާއްމުކޮށް ގިނަ ބަޔަކަށް ދައްކައިދިނީ މަތިކިޅި އީކޯ ގާޑަނެވެ. އަދި އެހެންމެ އެ މާހައުލުގެ ހަމަހިމޭންކަމާއި ހިތްގައިމުކަން އިހްސާސް ކޮށްލުމަށް މަގުފަހިކޮށްދިނީ ވެސް މަތިކިޅި އީކޯ ގާޑަންއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މަތިކިޅި އީކޯ ގާޑަނުގެ ފައުންޑަރ މެމްބަރުން ނުވަތަ މޭސްތިރިން ދެކެލައްވާ ގޮތުގައި މަތިކިޅި އީކޯ ގާޑަނުގެ ޚިޔާލަކީ، ހަމައެކަނި ޗަސް ބިމަށް ބަޔަކު ގަންބުވައިލުމެއް ނޫނެވެ. އެހެނަސް އެރީތި ހިތްގައިމު ގުދުރަތީ މާހައުލުގެ ތެރެއަށް ނަފުސު ގަންބުވައިލުމުގެ އިހްސާސްކޮށްދިނުމެވެ. މަތިކިޅި އީކޯ ގާޑަނަށް އެއްފަހަރު ޒިޔާރަތްކޮށްފި ނަމަ ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކޮށް އެ މާހައުލުގެ ހަމަހިމޭންކަމާއި ހިތްގައިމުކަން ތަޖުރިބާކޮށްލަން ގިނަ ބަޔަކު ބޭނުންވާކަން ފާހަގަކުރެވެއެވެ. އެއީ ތަފާތު އަދި ކޫލް ތަޖުރިބާއަކަށް ވާތީއެވެ!

މިހާރަކަށް އައިސް ހުޅުދޫ މީދޫ ވެފައިވަނީ ރަށުން ބޭރުގެ ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށެވެ. ސްކޫލް ޗުއްޓީ ދުވަސްވަރާއި ކުޅިވަރު މުބާރާތްތަކާއި ތަފާތު އެހެނިހެން އިވެންޓުތަކާ ގުޅިގެންނެވެ. އެއިގެ ތެރެއިން ގާތްގަޑަކަށް 95 ޕަސެންޓު މީހުން މަތިކިޅި އީކޯ ގާޑަނަށް ޒިޔާރަތްކުރެއެވެ. އަދި ޚާއްސަކޮށް މަތިކިޅި އީކޯ ގާޑަން ބަލައި ފޮޓޯ ނެގުމަށްޓަކައި އެކަނިވެސް ގިނަ ބަޔަކު މީދޫ އަށް ޒިޔާރަތްކުރެއެވެ. އަންދާސާ އަދަދު ތަކަށް ބަލާއިރު، ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ދެ ހާސް ތޭވީސް ވަނަ އަހަރު ޖުލައި މަހުގެ ނިޔަލަށް، ރިޕީޓަރސް ހިމެނޭހެން، ޖުމްލަ 50000 ވުރެ ގިނަ ވިޒިޓުސް މަތިކިޅި އީކޯ ގާޑަނަށް ކޮށްފައިވާ ކަމަށް، މަތިކިޅި އީކޯ ގާޑަންގެ ފަރާތުން މުހައްމަދު ސަލާހު އާއި އަބްދުއްލާ ޒުހުރީ މަޢުލޫމާތު ދެއްވިއެވެ.

ފޮޓޯ- މަތިކިޅި ސޮސައިޓީ

ކޮންމެއަކަސް، ހުޅުދޫ-މީދޫ އާއި މުޅި އައްޑޫ ސިޓީގެ ވެސް ޚާއްސަ ރަމްޒަކަށް ނުވަތަ ލޭންޑް މަރކަކަށް، މަތިކިޅި އީކޯ ގާޑަން ވެއްޖެއެވެ. ގޫގުލް ސަރޗާއި ހޮޓެލް ބުކިން ވެބްސައިޓް ތަކުގައި ވެސް މަތިކިޅި އީކޯ ގާޑަނަކީ އައްޑޫގެ ޚާއްސަ ލޭންޑް މަރކެއްގެ ގޮތުގައި ފާހަގަކުރެއެވެ. މީގެ ހެއްކަކީ އިންޓަރނެޓް ސަރޗު ތަކުގައި، މަތިކިޅި އީކޯ ގާޑަނާ ކައިރި ހޮޓެލްސް ތަކާއި ރިސޯރޓު ތަކުގެ ނަންތައް އައުމެވެ. އަދި މަތިކިޅި އިކޯ ގާޑަން ޕެކެޖް ޑީލްސް އަދި ވެކޭޝަން ޑީލްސް ފަދަ ނަންނަމުގައި ރާއްޖޭގެ އެކި ހިސާބު ތަކުގެ ހޮޓެލް ތަކާއި ރިސޯރޓު ތަކުގެ ނަންތައް އޮންލައިން ސަރޗު ތަކުގައި ދައްކައެވެ.

މަތިކިޅީގައި އީކޯ ގާޑަނެއް ތަރައްގީކޮށް، ފާއިތުވެދިޔަ ފަސް އަހަރުގައި ބަލަހައްޓަމުން އައިސްފައިވާތީ ލިބުނު ކާމިޔާބީ ތަކެއްވެސް ވެއެވެ. އެންމެ ބޮޑު ކާމިޔާބީ އަކީ، ރަށުގެ ކޮމިޔުނިޓީއާ މަތިކިޅީގެ ގުދުރަތީ މާހައުލާ ދެމެދު ޚާއްސަ ގުޅުމެއް ނުވަތަ އިންޓެރެކުޝަނެއް އުފެދުމެވެ. އަދި މަތިކިޅީގެ ގުދުރަތީ މާހައުލާމެދު ޚާއްސަ ލޯތްބަކާއި އިޙްސާސް އެއް އުފެދުމެވެ. އެއާއެކު މިފަދަ ވެޓްލޭންޑް ތަކަކީ މުޖުތަމަޢަށް އެއިގެ މަންފާ ހޯދިދާނެ ތަންތަން ކަމުގެ ހޭލުންތެރިކަން އިތުރުވުމެވެ. އަނެއް ކާމިޔާބީ އަކީ، ހުޅުދޫ-މީދޫގެ ޗަސްބިން ނުވަތަ ވެޓްލޭންޑަށް ގައުމީ ފެންވަރެއްގައި ސަމާލުކަން ލިބިގެން ދިޔުމެވެ. ދިވެހިރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ވެޓްލޭންޑަކީ މަތިކިޅި ހިމެނޭހެން ހުޅުދޫ-މީދޫ ކުޅިއެވެ. އެ ސަރަހައްދުގައި ހިމެނޭ ޗަސްބިމުގެ ޖުމްލަ ބޮޑު މިނަކީ 1.07 އަކަ ކިލޯ މީޓަރެވެ. އެއީ 107 ހެކުޓަރެވެ. އެހެންނަމަވެސް، މި ސަރަހައްދަށް ގައުމީ ފެންވަރެއްގައި ސަމާލުކަން ލިބެން ފެށީ، ޚާއްސަ އެޓްރެކްޝަން ޕޮއިންޓެއްގެ ގޮތުގައި މަތިކިޅީގައި އީކޯ ގާޑަނެއް ހެދުމާ ގުޅިގެން ކަން ފާހަގަކޮށްލެވެއެވެ.

“މަތިކިޅި އީކޯ ގާޑަން ހެދުމުގެ މަސައްކަތަކީ، ދެ ހާސް ސަތާރަ ވަނަ އަހަރުން ފެށިގެން، ކޮމިޔުނިޓީ މަސައްކަތެއްގެ ގޮތުގައި، ރަށަށް ހެޔޮއެދޭ މަދު ފަރާތްތަކެއްގެ އެހީތެރިކަމާއެކު އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތެއް. އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތް ކުރަމުން އައިސްފައިވަނީ މަދަނީ ގްރޫޕެއްގެ ގޮތުގައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ގްރޫޕް މިހާރު ވަނީ، ޖަމްޢިއްޔާ އެއްގެ ގޮތުގައި ރަސްމީ ގޮތުން ރަޖިސްޓަރީ ކުރެވިފައި.. ޖަމްޢިއްޔާގެ ނަމަކީ “މަތިކިޅި ސޮސައިޓީ” . ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ އަކަށްވީ ، މަތީގައި ވެސް ދެންނެވި ފަދައިން، ކޮމިޔުނިޓީގެ ވަރަށް ގިނަ ބަޔަކު ބަލައިގަނެ އަދި ބޭނުން ހިފަމުންދާ ތަނަކަށް މަތިކިޅި އީކޯ ގާޑަން ވެގެން ދިޔުން. އެހެންކަމުން އެންވަޔަރމެންޓް މިނިސްޓަރީގެ ފަރާތުން، މަތިކިޅި އީކޯ ގާޑަނުގެ ބައެއް މަސައްކަތް ތައް ކުރުމަށް ކުޑަ މިންވަރެއްގެ ފަންޑެއް، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ލިބިފައިވާކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަން. އެ ފަންޑު ބޭނުންކުރެވުނީ ގާޑަނުގެ އެތެރޭގައިވާ ވޯލްކުވޭ ތައް އާކުރުމާއި ކުޑަ ހަޓެއް ހެދުމައް. އެއިގެ އިތުރުން ބައެއް ބެންޗް ހެދުމާއި ގާޑަނަށް ދާން އޮންނަ ވޯލްކުވޭގެ އެއްބައި، ކުރު ރާސްތާ އަކަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް” މަތިކިޅި ސޮސައިޓީގެ ފަރާތުން މުޙައްމަދު ޞަލާޙު މަޢުލޫމާތު ދެއްވިއެވެ.

މަތިކިޅި އިކޯ ގާރޑަން ރޭގަނޑު ވަގުތު ފެންނަ ގޮތް: ފޮޓޯ – މަތިކިޅި ސޮސައިޓީ

މަތީގައިވެސް ފާހަގަކުރެވުނު ފަދައިން މަތިކިޅި އީކޯ ގާޑަނަކީ ވަރަށް ތަފާތު ތަނަކަށް ވާތީ، މުޅި ރާއްޖޭގެ ވެސް އެހެން ނޭޗަރ ޕާކަކަށް ލިބިފައި ނުވާ ފަދަ މީޑިއާ ކަވަރޭޖެއް މަތިކިޅި އީކޯ ގާޑަނަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި އަދި އިނގިރޭސި ބަހުން ރާއްޖޭގައި ނެރޭ ބައެއް ނޫސްތަކުގައި މަތިކިޅި އީކޯ ގާޑަން ފިޗަރކޮށް ޚާއްސަ ރިޕޯޓްތައް ޝާޢިއުކޮށްފައި ވެއެވެ. އަދި ޑެސްޓިނޭޝަން މަރކެޓިން މަލްޓި މީޑިއާ ގުރޫޕު ތަކުގެ ޕޭޖު ތަކުގައި ވެސް ފީޗަރކުރަމުން އައިސްފައިވެއެވެ. މީގެ އިތުރުން ބޭރުގެ ބައެއް މަޖައްލާ ތަކާއި ޕޭޖް ތަކުގައި ދިވެހިރާއްޖޭގެ ޚާއްސަ ތަންތަނާ ގުޅޭގޮތުން ލިޔާ ބައެއް ރިޕޯރޓް ތަކުގައި ވެސް މަތިކިޅި އީކޯ ގާޑަން ހިމާނާފައިވެއެވެ. މިދެންނެވި ފަދަ ލިޔުންތަކުގެ ތެރެއިން ހައިލައިޓްކޮށްލެވޭ ބައެއް ލިޔުންތަކާ ގުޅުންހުރި ލިންކުތައް ތިރީގައި މިވަނީއެވެ.

  1. ސެޕްޓެމްބަރ، 2019 ގައި، ޔޫއެންޑީޕީ މޯލްޑިވުސް އިން ، ހޮޓެލް އިންސައިޑަރ މެގެޒިންގައި ، ޔޫތު ލީޑަރސް ފޯރ ޓްމޯރޯގެ ނަމުގައި ޝާޢިއުކޮށްފައިވާ ރިޕޯރޓްގައި މަތިކިޅި އީކޯ ގާޑަން ފިޗަރކޮށްފައިވެއެވެ.
  2. ދި އެޑިޝަން އެމްވީގައި، އައިސުލް ބީ ވިޒިޓިން ސ.ޙުޅުމީދޫ ނަމުގައި ޝާޢިޢުކުރެވިފައިވާ ޚާއްސަ ރިޕޯޓްގައި ފީޗަރކޮށްފައި ވެއެވެ.
  3. ސަން އެމްވީގައި ދިވެހި އަދި އިނގިރޭސި ބަހުން، މޯލްޑިވުސް ފަސްޓް ވެޓްލޭންޑް ގާޑަންގެ ނަމުގައި ފިޗާރ އަރޓިކުލް ޝާޢިޢުކޮށްފައި ވެއެވެ.
  4. ވިޒިޓް މޯލްޑިވުސްގެ ވެބްސައިޓްގައި، 6 އީކޯ ރިޗް އޭރިއާސް ޓު ވިޒިޓް އިންދަ މޯލްޑިވުސްގެ ނަމުގައި ދެވަނަ އަށް ފީޗަރކޮށްފައިވަނީ މަތިކިޅި އީކޯ ގާޑަނެވެ. އަދި މަލްޓިމީޑިއާ މާރކެޓިން ސައިޓެއް ކަމަށްވާ ކޯރަލްގްލާސް މީޑިއާގައި ވެސް މި ރިޕޯރޓް ޝާޢިޢުކޮށްފައި ވެއެވެ.
  5. ވިޒިޓް މޯލްޑިވުސް-ރަޝިއާ އިންސްޓަގުރާމް އެކައުންޓްގައި ވެސް މަތިކިޅި އީކޯ ގާޑަންގެ ރީތި ކަމާ ގުޅޭ ގޮތުން ދިގު ޕޯސްޓެއް ލިޔެފައިވެއެވެ. ފުރަތަމަ ނަޒަރުން، މިއީ ދިވެހިރާއްޖޭގެ މަންޒަރެއް ނޫން ކަމަށް ވެސް ހީވެދާނެ ކަމަށް އެ ޕޯސްޓްގައި ލިޔެފައިވެއެވެ.
  6. އެންދެރި ޕްރޮޖެކުޓް ނަމުގައި މިނިސްޓަރި އޮފް އެންވަޔަރމެންޓްގެ ފަރާތުން ހިންގި މަޝްރޫޢުގެ ރިޕޯރޓް – މެންގްރޫ ވެޓްލޭންޑް އެންޑް ނޭޗަރ ޕާކު އެކުސްޕީރިއެންސް ޝެއަރިން ޓުއަރ ރިޕޯރޓްގައި މަތިކިކިޅ އީކޯ ގާޑަން ހިމަނާފައިވެއެވެ. މި މަޝްރޫޢު އަކީ ، ގްލޯބަލް އެންވަޔަރމެންޓް ފެސިލިޓީން ފައިނޭންސްކޮށްގެން ޔުނެޕްގެ އެހީތެރިކަމާއެކު، 2022 ވަނަ އަހަރުގެ ތެރޭގައި ހިންގި މަޝްރޫޢު އެކެވެ.
  7. އިންޑިއާގައި ނެރޭ މަޝްހޫރު ފެޝަން މަޖައްލާ އެއް ކަމަށްވާ ފެމިނާ މެގެޒިން ގައި، ޝާޢިޢުކުރި ރިޕޯރޓެއްގައި މަތިކިޅި އީކޯ ގާޑަން ހިމަނާފައިވެއެވެ. އެއީ “ބިޔޮންޑް ދަ ވޯޓަރ ވިލާސް : ސިންކު އިންޓު ނޭޗަރ އިންދަ މޯލްޑިވުސް” ގެ ނަމުގައި، އެ މަޖައްލާގެ އޮކްޓޯބަރ 2022 ގެ އަދަދުގައި ޝާޢިޢުކޮށްފައިވާ ޚާއްސަ ރިޕޯރޓެކެވެ. ފެމިނާ މެގެޒިން އަކީ އިންޑިއާގެ އަންހެނުންގެ އެންމެ ޚާއްސަ އެއްވަނަ މަޖައްލާއެވެ. އަދި އޯވަރ ރޯލްކޮށް އިންޑިއާގެ އެންމެ ނުފޫޒް ގަދަ 5 މަޖައްލާގެ ތެރޭގައި ވެސް ހިމެނޭ މަޖައްލާ އެކެވެ.
  8. އިންޓަރނޭޝަނަލް ޑޭއި އޮފް މެތެމެޓިކުސް ފޮޓޯ ޗެލެންޖު 2022 ގެ 4 ވަނައަށް، މަތިކިޅި އީކޯ ގާޑަންގެ ފޮޓޯއެއް ހޮވިފައި ވެއެވެ. އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ފަރާތުން ހުށަހެޅި އެ ފޮޓޯއަށް ހަތަރުވަނަ ލިބިފައިވަނީ، އެ ފޮޓޯ ޗެލެންޖަށް ހުށަހެޅުނު 3200 ފޮޓޯއާ ވާދަކޮށްގެންނެވެ.

މަތީގައި ފާހަގަކުރެވުނު ލިޔުންތަކުގެ އިތުރުން ވެސް ރާއްޖޭގެ މެއިން ސްޓްރީމް ގިނަ ނޫސް ތަކުގައި މަތިކިޅި އީކޯ ގާޑަނާ ބެހޭ ރިޕޯރޓްތައް ލިޔެވިފައިވެއެވެ. އެހެންނަމަވެސް މި ލިޔުމަކީ މަތިކިޅި އީކޯ ގާޑަނާ ގުޅޭގޮތުން ތަފާތު ގިނަ މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚާއްސަ ރިޕޯރޓެކެވެ.

6 ކޮމެންޓް
މުޖާ
މެއި 15, 2024
ތިޔައީ ދިވެހިރާއްޖޭގެ ވެޓްލޭންޑްގެ ފުރަތަމަ މޮޑޮލެވެ. ތިޔަޢީ ނަމޫނާ މަސައްކަތެކެވެ. ރާއްޖޭގެ ރަށްރަށުގައި ޖަމްޢިއްޔާ ޖަމާޢަތްތަކުން ހެދި ކުދިކުދި ހުރިހާ ނޭޗަރ ޕާކެއްގެ އައިޑިއާ ނަގާފައިވަނީ މަތިކިޅި އީކޯ ގާޑަން ނަމޫނާ އަކަށް ބަލައިގެންނެވެ. ތިޔަ މަސައްކަތްކުރި މީހުން ތިކަން ކޮށްފައިވަނީ ވަރަށް ވައްޓަފާޅި ހުރގެން ކަން އެނގެއެވެ.
ނަޝީދާ
މެއި 15, 2024
https://visitmaldives.com/en/experience/06-eco-rich-areas-to-visit-in-the-maldives-for-a-holiday-in-tune-with-nature މިކެޓެގަރީގަ ވެސް ދެވަނައިގައި މިއޮތީ މ.އ.ގ އެވެ.
މީދޫ އެލެކުސް
މެއި 15, 2024
އޮއި ތެތަނި ބޮކިޔަސް ލީޔާ. އަވަ އަދި ތެކަން ދޭނަތިން. ރެއިގަނޑި ދިއްލަފެއި އޮތް ފޮޓޯ އަކުނަސް އަދި މި ދިށީ . އަވަހަށް މި ރެޑީވެނީ ބިޓް ކަޓުވާ ތެތާން އޭ. ސަލަޑޭއަށް ގުޅާއްވީ.
ޖައުފަރު ޝާހު
މެއި 15, 2024
https://www.femina.in/travel/international/beyond-the-water-villas-sink-into-nature-in-the-maldives-242236.html އިންޑިއާގައި ނެރޭ މަޝްހޫރު ފެމިނާ މެގެޒިންގައި މީތީ ޖެހިކަން އަދި ކިރިޔާ މި އެނގުނީ. އެވެސް ވަރަށް ބޮޑު މަރކެޓިން އެއް އައްޑޫ އަދި ވަކިން ހުޅުދޫ/މީދޫ
އަޒުކީ
މެއި 15, 2024
މެއިން ސްޓްރީމް ގައުމީ މެއިން ސްޓްރީމް ނޫސްތަކުގައި ދޭތެރެ ދޭތެރެއިން ތިތަނާ ބެހޭ ލިޔުން ތައް ފެނެއެވެ. އެކަމަކު ގިނަ ފަހަރަށް މަޢުލޫމާތު ހޯދަންވާ މީހުން ކައިރިން އެއްވެސް އެއްޗެއް އަހާވެސް ނުލައި ހިތަށް އައި ގޮތަކަށް ލިޔެފައި ހުންނަކަން ފާހަގަވެއެވެ. އިކޯ ގާޑަންގެ ލިޔުން ތަކުގައި ފޮޓޯ ޖެހުމުގައި ވެސް އެއްވެސް ޒިއްމާދާރުކަމެއް ނުހުރެއެވެ. އެންމެ ގިނައި ޖަހަނީ 2019 ގައި ނަގާފައިވާ ވަރަށް މުސްކުޅި ފޮޓޯއެކެވެ. ރަނގަޅު ފޮޓޯއެއް ހޯދާލަން ޒުހުރީ ނޫނީ ސަލާހަށް ( މަތިކިޅި ސޮސައިޓީ ) އަށް ގުޅާލުމެއް ވެސް ނޮއޮވެއެވެ.
ސައުޝަން
މެއި 15, 2024
މަތިކިޅި އީކޯ ގާޑެނާ ގުޅޭގޮތުން މިހައިތަނަށް ޝާޢިޢުކުރެވުނު އެންމެ ފުރިހަމަ އެންމެ މަޢުލޫމާތު ގިނަ ލިޔުމެވެ. އެހެން ނޫސްތަކުން ލިޔާލިޔުން ތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މި ލިޔުމުން ރިފެރެންސް ހަދާށެވެ.