މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމި ނިންމުމަކީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ސިފަ ކުރައްވައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރަން އުޅޭ އަޑު އެންމެ ފުރަތަމަ ފެތުރިފައިވަނީ މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައެވެ. އެ އަޑުތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ޓީއެމްއޭ ކަމުގައި ވިޔަސް އެ އިންޑަސްޓްރީ އަށް ރާއްޖޭގެ އެހެން އެއާލައިންތަކުން ވަންނަމުން އަންނަ ދަނޑިވަޅެއްގައި، އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއާ ހަވާލުކުރުމުން ވާދަވެރިކަމަށް ބުރޫއަރާނެކަމަށް ބުނެ އުފެދުނު ހަމަނުޖެހުންތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓާމިނަލް ވަކި ބަޔަކަށް ދޭން ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ. ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ޓީއެމްއޭ އިން ބުނަމުން އަންނައިރު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެމްއޭސީއެލް އިން ވެފައި ނެތް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ސަރުކާރުން ނިންމުމަކީ ރޭވުންތެރިކަމާ އެކު ވަކި ބަޔަކަށް މަންފާވާ ގޮތަށް ހިންގި ޖަރީމާއެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށެވެ. އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް އެއްވެސް ގޮތަކަށް ހައްގު ނޫން ކަމަށް ވިދާޅުވެ ޖަމީލުވަނީ އެމްއޭސީއެލްގެ މަތީ މަގާމުތަކުގައި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޭފުޅުން ތިއްބެވުމަކީ އާ ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ދިނުމާއި ހުރި ގާތް ގުޅުން ފެނިގެންދާ ސަބަބެއްކަމަށް ހާމަކުރައްވާފައެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ޓީއެމްއޭ އިން މަޝްވަރާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިހާރު އުފެދިފައިވާ މައްސަލައަށް ހައްލެއް ނުގެނެވޭނަމަ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ވަނީ އިންޓަނޭޝަނަލް އާއި ޑޮމެސްޓިކް ޓާމިނަލް އޮޕަރޭޓްކުރާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ވެސް ސީދާ އެމްއޭސީއެލުން ހިންގަން، އެ ކުންފުނީގެ ބައެއް ވެރިން ބޭނުންވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުން ގެންގުޅުނީ، ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކަށް ޓާމިނަލުން ޖާގަ ދީގެން، މިހާރު ވެސް ހިންގާ ގޮތަށް، އެ ކުންފުނިތަކުން އަމިއްލައަށް އެކަން ކުރާ ގޮތަށްކަމަށްވެސް އޭރު އަޑުތައްވަނީ ފެތުރިފައެވެ.އަދި ކުރީ ސަރުކާރުންވެސް ސީޕްލޭން ދުއްވާ އެއް ކުންފުންޏަކަށް މުޅި ޓާމިނަލް ދޭ ގޮތަކަށް ވިސްނުން ގެންގުޅެފައެއް ނޯންނާނެކަމަށް އޭރު ސަރުކާރުގެ އިސް ފަރާތްތަކުންވަނީ ބުނެފައެވެ.