ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިންޓަނޭޝަނަލް ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާ އަދާކުރާނީ ދިވެހި ދައުލަތުން ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
ސަރުކާރުން ބުނީ ރާއްޖޭގެ ސަރަހައްދާއި ދައުލަތުގެ ސިޔާދަތަކީ ގައުމުގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާއަކީ ގާނޫނުއަސާސީން ދައުލަތާ ހަވާލުކޮށްފައިވާ ވާޖިބެއް ކަމަށާއި، މި ޒިންމާ އަބަދުވެސް އަދާކުރަމުން ދަނީ ފަހުރުވެރިކަމާ އެކު ކަމަށް ވެސް ބުންޏެވެ.
ޖޯގުރަފީ ގޮތުން ބަލާއިރު ރާއްޖެ އޮތީ އިސްތިރާޖީ ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރި އާއި އާންމު މުދާ އެއް ބައްރުން އަނެއް ބައްރަށް އުފުލާ މުހިންމު ކަނޑުއޮޅިތައް ރާއްޖޭގެ ސަރަހައްދުގައި ހިމެނޭއިރު، އެ މަގުތައް އަމާންކަމާ އެކު ބެލެހެއްޓުމަކީ ދުނިޔޭގެ އިގްތިސާދަށާއި މި ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރަމުން އަންނަ މުހިންމު ހިދުމަތެކެވެ.
ސަރުކާރުން ބުނީ ރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެނޫން ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ސަރަހައްދުގެ އަމާންކަމަށް ބުރޫއަރާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ބާރަކަށް ނުދޭނެ ކަމަށާއި، ބޭރުގެ ނުފޫޒުތަކަށް އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ދައުވަތު ނުދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.