ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމުގެ ސިޔާސަތުގެ ދަށުން، މިހާތަނަށް ހިނގަމުން އައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވާނިން ބޯޑުތައް އުވާލައްވައި، “މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް” (އެމްޓީއެޗްޖީ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. އަދި އާ ގްރޫޕުގެ ގަވާނިން ބޯޑުގެ ޗެއާމަނަކަށް ޑރ. އަބްދުލްއަޒީޒު ޔޫސުފް ވަނީ އައްޔަންކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމުގެ އިންތިޒާމު ހަމަޖެއްސެވުމަށެވެ. އެމްޓީއެޗްޖީގެ ގަވާނިން ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ސީދާ ޖަވާބުދާރީވާ އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މި އާ އިދާރާގެ ބެލުމުގެ ދަށަށް ގެނެވުނު 12 ތަނުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެތަނުގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިމެނެ އެވެ. މީގެއިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލު ބެލެހެއްޓުން ވެސް މި ބޯޑުގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ސިއްހީ ދާއިރާއަށް މި ބަދަލު ގެންނެވި ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މި ބަދަލާއެކު ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލައި، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޓީއެޗްޖީގެ ގަވާނިން ބޯޑު އެކުލެވިގެންވަނީ ސިއްހީ، މާލީ އަދި ހިންގުމުގެ ދާއިރާގެ ބޭފުޅުން ހިމެނޭހެން ޖުމްލަ 18 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ބޯޑުގެ ވައިސް ޗެއާޕާސަން ހުސައިން ހަލީމްގެ އިތުރުން ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއި ޑެޕިއުޓީ ސީއީއޯއިން، ހެލްތް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ މަންދޫބުން ހިމެނެ އެވެ. އަދި މި ބޯޑާއި ހޮސްޕިޓަލްތަކުގެ ކަންކަން ވިލަރެސްކުރާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް އިންނެވެ.