English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީގެ) 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޮޑެތި މީހުންނަށް ހާއްސަކޮށް ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އައްޑޫ ސިޓީ މީދޫގެ އުމުރުން 25 އަހަރުން މަތީގެ ކޮންމެ ކަނަބަލަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޗޭނު ޖަމްމިއްޔާ އިންވަނީ ބުނެފައެވެ. މި މުބާރާތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޗޭނު ޖަމްމިއްޔާގެ ނައިބު ރައީސާ މަރްޔަމް ޝަޒްލީން ބުނީ ޤުރުއާން މުބާރާތަކީ ޗޭނު ޖަމްމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވަން ނިންމާފައިވާ އެއް ހަރަކާތްކަމުގައެވެ. އަދި އެ ޖަމްމިއްޔާއިން އަންހެން ކަނބަލުންނަށް ހާއްސަކޮށް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ މީދޫ އަންހެން ކަނބަލުން ތަޖްވީދު މަގުން ޤުރުއާން ކިޔަވަން ދަސްކުރަމުންދާއިރު އެ ކަނބަލުންނަށް ހިތްވަރު ދިނުންކަމަށެވެ. “ބޭނުންވަނީ ތަޖްވީދު މަގުން ޤުރުއާން ކިޔަވަން ދަސްކުރަން ބޭނުންވެ އެކަން ކުރަމުންދާ ކަނބަލުންނަށް މުބާރާތެއްގައި ބައިވެރިވެ އެ ކަނބަލުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން” ޝަޒްލީން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 15 މާރިޗް 2020ގެ ކުރިން ނަން ނޯޓުކުރުމަށް އެ ޖަމްމިއްޔާއިން ވަނީ އެދިފައެވެ.

ޗޭނު ޖަމްމިއްޔާއިންވަނީ މިދިޔަ އަހަރު އެ ޖަމްމިއްޔާގެ 09 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށް އައްޑޫ ސިޓީ މީދޫ އަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑް ދީފައެވެ.