ސަރުކާރުގެ އޮފީސްތަކުގެ އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް އޮފީސްތައް އަވަހަށް ބަންދު ކުރުމަށް އަންގާ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު އޮފީސްތަކުން ގިނަ ފިޔަވަޅުތަކެއް އަޅަން އިއްޔެ ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ އިތުރު ގަޑީގެ މަސައްކަތް ކުރުން މަނާ ކުރުމުގެ އިތުރުން ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް މި އަހަރުގެ ތެރޭގައި ދޭން ނުފެށުމަށް އަންގާފައެވެ. އަދި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި، ޕޭ-ރިވިއު ބޯޑުން ދިރާސާ ކުރުމަށް ފަހު ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް ފިނޭންސުންވަނީ އަންގާފައެވެ.
މީގެއިތުރުން މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުގެ ތެރެއިން، މިހާރު ފަށާފައިވާ މަރާމާތުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އިތުރު މަރާމާތެއް ނުކުރުމުގެ އިތުރުން އެފަދަ ކަމަކަށް 35000 ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހޭ ނަމަ އެކަން އިދާރާގެ އެންމެ އިސްވެރިޔާގެ ހުއްދަ އާ އެކު ފިނޭންސަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ. އެހެންނަމަވެސް ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އަންގާފައިވާއިރު އޭގެ ބޭރުން، ކުރަން ޖެހޭ، 35،000 ރުފިޔާއިން މަތީގެ ކެޕިޓަލް ހަރަދުތަކަށް ފިނޭންސުގެ ހުއްދަ ހޯދަން ވެސް ސާކިއުލާގައި ވަނީ އެދިފަ އެވެ.
މީގެއިތުރުން ދައުލަތުގެ ބަޖެޓުން ހުރިހާ ހަރަދެއް ކުރަން ޖެހޭ ގޮތަށް ރާއްޖެއިން ބޭރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށް އަންގާފައިވާއިރު ދައުލަތުން ހުރިހާ ހަރަދެއްކޮށްގެން، ފެއާތަކުގައި ބައިވެރިވުމާއި ސްޑަޑީޓްއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، ރަސްމީ ދަތުރުތަކުގައި ވީހާވެސް ދަތުރު ހަރަދުތައް ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމާއި އެއާޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހަރަދުތައް ވެސް ކުޑަކުރަން ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ކައުންސިލްތައް އިސްތިސްނާވާ ގޮތަށް ނެރުއްވި އެ ސާކިއުލާއަކީ ކޮރޯނާވައިރަސް ގެ ސަބަބުން އިގްތިސާދަށް އަސަރު ކުރާނެތީ، ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާ ގުޅިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލާފައިވާއިރު މިހާރުވެސް ބައެއް ރިސޯޓްތަކުގެ އޮކިއުޕެންސީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.