English Edition
Dhivehi Edition
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ

ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު 9 ޕަސަންޓު އުފުލިފައިވާއިރު، ދައުލަތުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގައި ގެންގުޅެން ޖެހޭ ހަމަތަކެއް ހުންނާނެ ކަމަށާއި ދެކޮޅު ނުޖެހޭ ގޮތަށް މުސާރަ ބޮޑުކުރުމުން ތަކެތީގެ އަގު އިތުރަށް އުފުލޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ޕޭ ފްރޭމްވޯކް އޮތް ގޮތާ މެދު އާންމު ރައްޔިތުންނާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ފެންވަރުގައި އަދާކުރާ ވަޒީފާއާ ލިބޭ މުސާރައާއި އިނާޔަތް ކަނޑައަޅާއިރު ވަކި ހަމަތަކެއް ހިފަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު އޮފީހުން މައިގަނޑު ގޮތެއްގައި ބަލަނީ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއަށް ކަން ފާހަގަކުރައްވައި ސާއިދު ވިދާޅުވީ، އަންދާޒާ ކުރާ އަދަދަށް އާމްދަނީ ލިބުނަސް ހަރަދު ބޮޑުވާނަމަ މުސާރައާއި އެހެނިހެން ކަންކަމަށް ހުންނަ ފައިސާ މަދުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދަރަނި ނަގަން ޖެހި، ދަރަނީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް ވިދާޅުވެ، 2017 ވަނަ އަހަރު ނެގި ދަރަންޏެއް ދައްކައި ނިމުނީ މި އަހަރު ކަން އޭނާ ފާހަގަކުރެއްވިއެވެ.

“އެހެންވީމަ މުސާރަ ބޮޑުވާން އެންމެން ވެސް އެދޭއިރުގައި، މުސާރަ ބޮޑުކުރާ ގޮތެއް އެއީ ދެކޮޅު ޖެހޭ ގޮތަކަށް ވާން ޖެހޭ. އެހެން ނޫންނަމަ ވާ ގޮތަކީ ބޮޑުވާ މުސާރައަށް ވުރެ، ރަށުތެރޭގައި ނުވަތަ ގައުމުގައި ތަކެތީގެ އަގުތައް މާ ބާރަށް އުފުލިގެން އާދޭ،” ސާއިދު ވިދާޅުވިއެވެ.

 

މީގެ އިތުރުން ބޭރު ފައިސާއިން ދަރަނި ނެގުމުން ރާއްޖޭގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ފާއިތުވި އަހަރުތަކުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން އެކި ދާއިރާތަކުގެ މުސާރަތައް ބޮޑުކުރުމާއެކު ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ ބޮޑުވެފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ 9 ޕަސަންޓު އުފުލިފައެވެ. މި އަހަރު ތެރޭގައި ދައުލަތުގެ ހަރަދާއި އަސާސީ ތަކެތީގެ އަގުތައް އުފުލުނު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ބާޒާރަށް އަރާފައިވާ ލޮޅުން ވެސް ހިމެނެއެވެ.