English Edition
Dhivehi Edition

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު 492 އަށް އަރައިފި އެވެ. ވުހާން އިން ފުރަތަމަ ފެނުނު މި ވައިރަސް ޗައިނާގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 24،552 އަރާކަމަށެވެ. މީގެ ތެރެއިން 3،223 މީހުންގެ ހާލު ސީރިޔަސް އިރު އިތުރު 3،887 މީހަކަށް ވައިރަސް ޖެހިފައިވާތޯ ޓެސްޓު ކުރެވިފައިވެއެވެ.

ވުހާން ހިމެނޭ ހުބޭއި ގައި ތިބި ދުނިޔޭގެ އެހެން ޤައުމުތަކުގެ ރައްޔިތުން އެމީހުންގެ ޤައުމުތަކަށް ދާން ފަށާފައިވާއިރު ވުހާން ސިޓީ އެއްކޮށް ވަނީ ކަރަންޓީން ކޮށްފައެވެ. އެ ސިޓީގެ ޕަބްލިކް ޓްރާންސްޕޮޓޭޝަނާއި ރޭލު އަދި ފްލައިޓްތައްވެސް ހުއްޓާލާފައި ވާއިރު ބައެއް މަގުތައްވެސް ވަނީ ބްލޮކް ކޮށްފައެވެ.

ޗައިނާއިން ބޭރުގައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައި ވަނީ ޖަޕާނުގައި އެވެ. ޖަޕާނުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފައެވެ. ތައިލޭންޑުން 25 މީހުން ޕޮޒިޓިވް ވެފައިވާއިރު ސިންގަޕޫރުން 24 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ދިވެހީން އެންމެ ގިނައިން ގޮސްއުޅޭ ޤައުމުތައް ކަމަށްވާ އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާއިންވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފައެވެ.

ވައިރަސް ޖެހުނު މީހުންގެ ތެރެއިން ގިނައީ އުމުރުން ދުވަސްވީ މީހުން

ކޮރޯނާވައިރަހަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވިކަމުގައި ވިޔަސް މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 907 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ. ދުނިޔޭގެ ސައިންސުވެރިން ދަނީ ކޮރޯނާއަށް ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދީން ދަނީ މިކަމަށް ޙަރަދުވެސް ކުރަމުންނެވެ.