މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޗައިނާއިން 250،437 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި އަހަރު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 18.5 ޕަސަންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،379،151 ޓޫރިސްޓުން އައިސްފައިވެއެވެ. ލިސްޓުގެ އެންމެ ކުރީގައި ޗައިނާ އޮތްއިރު، ދެވަނައަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 198،748 މީހުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 105،785 މީހުން ވަނީ އައިސްފައެވެ. އަދި އިޓަލީ އާއި ޖަރުމަނަކީ ވެސް ގަދަ ފަހެއްގައި ހިމެނޭ ދެ ގައުމެވެ.
ރާއްޖެ އައި ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 992،462 މީހުން ރިސޯޓުތަކުގައި މަޑުކުރިއިރު، 300،469 މީހުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. މީގެ އިތުރުން ހޮޓެލްތަކުގައި 32،019 މީހުން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިވަގުތު ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް ދިނުމަށް 1،318 ތަނެއް ހިންގަމުން އަންނައިރު، މި ތަންތަނުގައި ޖުމްލަ 68،472 އެނދު ހުރި ކަމަށް ވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.