English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް 20،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މީގެ ތެރެއިން 80% މީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމަށް އެޤައުމުގެ ސަރުކާރުން މިއަދު ބުނެފިއެވެ.

ކޮރޯނާވައިރަހާއި ބެހޭ ފަހުގެ އަޕްޑޭޓް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާ ސަރުކާރުން ބުނީ 20،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު މީގެ ތެރެއިން 75% އިންސައްތަ މީހުންނަކީ މީގެ ކުރިން ސިއްޚީ ކޮންމެވެސް މައްސަލައެއް ކުރިމަތި ވެފައިވާ މީހުން ކަމަށެވެ.

ކޮރޯނާވައިރަސް ފެނިފައިވާ ހިސާބުތައް، ސޯސް/ޖޯންސް ހޮޕްސްކިންސް ޑާޓާ

އުމުރުން ދުވަސްވީ މީހުންނަށް ވައިރަހުގެ އަސަރު ބޮޑަށް ކުރާކަމަށް ޗައިނާއިން ބުނެފައިވާއިރު ވައިރަސް ޖެހިގެން 1 މަހުގެ ތުއްތު ކުއްޖަކުވެސް މަރުވެފައިވާކަމަށް މައުލޫމާތު ދިނެވެ.

ޗައިނާގައި ކޮރޯނާވައިރަސް ފުރަތަމަ ފެނިފައި ވަނީ ވުހާން ސިޓީ އޮންނަ ހުބޭއި ޕްރޮވިންސުންނެވެ. އެޤައުމުގައި ވައިރަހަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ވެސް އެ ސިޓީއިންނެވެ. އަދި މިހާތަނަށް ވައިރަސް ޖެހިގެން މަރުވި 97% އިންސައްތަ މީހުން މަރުވެފައި ވަނީ ވުހާން ސިޓީއިންކަމަށް ޗައިނާ ސަރުކާރުން މައުލޫމާތު ދެއެވެ.

ވުހާންއިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ 25 ޤައުމަކުން ފެނިފައިވާއިރު ޗައިނާ އިން ބޭރުގައި 2 މީހަކު ވަނީ ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި އެވެ.