ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް މަރުގެ އިންޒާރު ދިން މައްސަލައެއް، އޭނާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ، ފޯނު ނަމްބަރެއް ވެސް މަޖިލީހުގެ އިދާރާއާއި ޝަރީފް ހިއްސާކުރައްވާފައިވާއިރު އޭނާއަށް މަރުގެ އިންޒާރުދެމުން ގެންދަނީ ކޮން ސަބަބަކާހުރެ ކަމަށް ވިދާޅެއް ނުވެއެވެ. ޝަރީފްއަށް މަރުގެ އިންޒާރުދިން މައްސަލަ މަޖިލީހުގެ އަމީންއާއްމު، މިހާރު ޑިފެންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ.
މި މައްސަލައާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަޖިލީހުގެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާކަމަށާއި އެ އިދާރާއިން މިކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި ޝަރީފްއަށް އިންޒާރުދިން ނަންބަރުގެ މައުލޫމާތު ހާމަކުރަމުން ވިދާޅުވީ އެ ނަންބަރަކީ މުހައްމަދު އިސްމާއީލް ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރެއްކަމަށެވެ.