English Edition
Dhivehi Edition
ފައްޔާޒު އިސްމާއިލް/ ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަރާލައި، “ވަޅިން ބޯ ބުރިކޮށްލާނެ” ކަމަށް ބުނެ މީހަކު އިންޒާރު ދީފިއެވެ. ފައްޔާޒު ވަނީ އިންޒާރު ދިން މީހާ ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި އާންމުކުރައްވާފައެވެ.

ފައްޔާޒު ހިއްސާކުރެއްވި ސްކްރީންޝޮޓުން ފެންނަ ގޮތުގައި، މި އިންޒާރު ދީފައިވަނީ ފޭސްބުކްގައި “ޔޫސުފް އާސް” ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. އެ މެސެޖުގައި ސީދާކޮށް ބުނެފައި ވަނީ “ކަލޭ މަރާލާނަން، ވަޅިން ބޯ ބުރިކޮށްލާނަން” މިފަދައިންނެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އޭނާގެ މުޅި ހަޔާތުގައި އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައި ހޭދަކުރެއްވި ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހެއްގެ ފަރާތުން މިފަދަ ނުރައްކާތެރި މަރުގެ އިންޒާރެއް މީގެ ކުރިން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

މިފަދަ އިންޒާރެއް އައީ ކޮން ސަބަބަކާ ހުރެކަން ޔަގީން ނުވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، މިއީ ސިޔާސީ ވާދަވެރިންނަށް އަމާޒުކުރާ “ލާދީނީ ލޭބަލް” އެޅުވުމުގެ ސަބަބުން އައި އިންޒާރެއް ކަމެއް ނުވަތަ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ކުރަމުންދާ މަސައްކަތާ ގުޅިގެން އައި އިންޒާރެއް ކަމެއް ވިދާޅުވާން ނޭނގޭ ކަމަށެވެ.

އިންޒާރުގެ މައްސަލައިގައި ފައްޔާޒު ވަނީ އެކްސްގައި ފުލުހުންގެ ރަސްމީ ހޭންޑްލް ޓެގްކުރައްވައި، އިންޒާރު ދިން މީހާއަށް “އެހީތެރިކަމެއް” ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، މި މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހެޅުއްވިންތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވެފައި ވަނީ މައްސަލަ ރަސްމީކޮށް ރިޕޯޓް ނުކުރައްވާ ކަމަށެވެ.