English Edition
Dhivehi Edition

2014 ވަނަ އަހަރު ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު ފިލްމު “އޭކް ވިލަން” ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ފުރަތަމަ ބައި ވެސް ޕްރޮޑިއުސްކުރި އެކްތާ ކަޕޫރާއި ޓީ ސީރީޒްގެ ބުޝަން ކުމާރު ގުޅިގެން ގެނެސްދޭ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 08 ވަނަ ދުވަހުގައެވެ. މި ފަހަރު ފިލްމުގެ ބަތަލުންގެ ރޯލުން އަދިތިޔާ ރޯއި އާއި ޖޯން އަބްރަހަމް ފެނިގެންދާއިރު މި ފިލްމުގައި ފެނިގެންދާ އަންހެންތަރިންނާއި ބެހޭ އެއްވެސް މައުލޫމާތެއް ޕްރޮޑަކްޝަން ޓީމުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ސީރީޒްގެ ފުރަތަމަ ފިލްމުގައި ސިދާތް މަލޯތްރާ އާއި ޝަރްދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކް ފެނިގެންދިޔައިރު ، އެ ފިލްމަކީ އަނބިމީހާދެކެ ލޯބިވާ ފިރިއަކު އަނބިމީހާގެ މަރުގެ ބަދަލު ހިފުމަށްޓަކައި ކުރާ މަސައްކަތާއި އެ މަސައްކަތުގައި އޭނާއަށް ދިމާވާ ގޮންޖެހުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދިން ފިލްމެކެވެ. އެހެންނަމަވެސް މި ފަހަރުގެ ވާހަކަ އެއްކޮށް ތަފާތު ވާނެކަމަށާއި މިއީވެސް ލޯބީގެ އެތައް ވާހަކަައެއް ކިޔައިދޭ ފިލްމެއްކަމުގައި ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ. އަދި ކުރީ ފިލްމުގައި ފެނިގެންދިޔަ ފަދަ ރީތި މިއުޒިކާއި އެކު، ރީތި ލަވަތަކެއް މި ފަހަރުގެ ފިލްމުގައިވެސްހިމެނޭނެކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުންވަނީ ބުނެފައެވެ.