ޗައިނާގެ ވުހާން ސިޓީއަށް އެއްވެސް ގައުމަކުން ދަތުރުކުރުމަކީ ފަސޭހަކަމަށް ނުވާތީ، ވުހާން ގައި ތިބި ދިވެހިން ރާއްޖެ ގެނައުމުށް އެހެން ގައުމެއްގެ އެހީތެރިކަން ހޯދާނެކަމަށް ފޮރިން މިނިސްްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
.ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު މިނިސްޓަރ ވިދާޅުވީ ވުހާން އިން އެ މީހުން ބޭރު ކުރުމަށް އެހެން ގައުމަކާއި ވާހަކަދައްކަމުންދާކަމަށެވެ. އަދި އެ މީހުން ބޭރު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާއިރު އެމީހުން ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް ކަމަށާއި، އެ ގައުމެއްގައި އޮންނަ ކަރަންޓީން އުސޫލާއި އެއްގޮތަކަށް ކަރަންޓީންކޮށްފައި ރާއްޖެ ގެންނާނެކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޗައިނާގައި 62 ދިވެހިން ތިބި ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ޗައިނާގެ ވުހާންގައިވެސް ދިވެހި ނުވަ މީހަކު ތިބި ކަމަށާއި، އޭގެ ތެރެއިން ދެ ދިވެއްސަކު ރާއްޖެ އަންނަން ބޭނުންނުވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުންވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން އިތުރު ދަތުރުތައް ވައިރަސް ފެނިފައިވާ ގައުމުތަކަށް ނުކުރުމަށް އިލްތިމާޒުކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކޮރޯނާ ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުންދާ ވުހާން ސިޓީ ކަރަންޓީނުކޮށްފައިވާއިރު މިހާރު މި ބަލިވަނީ ދުނިޔޭގެ އެކި ގައުމުތަކުންވެސް ފެންނަން ފަށާފައެވެ. މި ބައްޔަށް އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައިނުވާއިރު ވެކްސިނެއް އުފެއްދުމަށް އެންމެ މަދުވެގެންވެސް ހަތަރު މަސް ނަގާނެކަމަށް ބޭސް އުފެއްދުމުގެ މަސައްކަތްކުރަމުންދާ ސައިންސްވެރިންވަނީ ބުނެފައެވެ.