English Edition
Dhivehi Edition

މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ޗައިނާގެ ވުހާން ސިޓިގައި ފެތުރެން ފެށި ކޮރޯނާވައިރަސް، މީގެ ކުރިން ފެނުނު މިފަދަ ރޯގާ ތަކަށްވުރެ އަވަހަށް ފެތުރެމުންދާކަމަށް ރޮބިން ތޮމްސަން ބުނެފިއެވެ.

މި ބައްޔާއި ގުޅޭ ގޮތުން ގިނަ ދިރާސާތަކެއް ކުރަމުންދާ ރޮބިން ބުނީ 2003 ވަނަ އަހަރު ޗައިނާގައި ފެތުރުނު ސާސް ރޯގާއަށްވުރެ ބާރު މިނެއްގައި ކޮރޯނާވައިރަސް ފެތުރިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ގޮތުން މީ އަދި މި ބަލީގެ ކުރީކޮޅުކަމުން މި ބަލީގެ އަސަރު ކުރާނެ މީހުންގެ އަދަދު ސީދާ ބުނަން ނޭގުނު ނަމަވެސް ބަލިފެތުރެމުންދާ ނިސްބަތަށް ބަލާއިރު ސާސްއަށްވުރެ މި ބަލީގެ ނުރައްކާ ބޮޑުކަމަށް ރޮބިން ވަނީ ބުނެފައެވެ. “ސާސް ރޯގާ އެއްހާސް މީހުންނަށް ޖެހެންވެސް ގިނަ ދުވަސްތަކެއް ނެގި. އެކަމަކު ކޮރޯނާވައިރަސް ޖެހިފައިވާ ތިންހާސް މީހުން ތިން ހަފްތާ ތެރޭގައި ވަނީ ފެނިފަ” ރޮބިން ބުންޏެވެ.

މީގެ އިތުރުން ޔުނިވާސިޓީ އޮފް އޮކްސްފޯޑްގައި ރޮބިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން، ބަލި ފެނުނު ތާރީހުން ފެށިގެން 18 ޖަނަވަރީ އާއި ހަމައަށް މި ބަލިޖެހިފައިވާ އެންމެ މީހެއްގެ ފަރާތުންވެސް 1.5 އަކާއި 3.5 ދޭތެރޭ އަދަދެއްގެ މީހުންނަށް މި ވައިރަސްވަނީ ފޯރާފައެވެ.

ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.ކޮރޯނާވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، ކެއްސުމާއި، ހުން އައުމުގެ އިތުރުން ނެވާ ކުރުވެ، ނޭވާލާން އުނދަގޫވުން ހިމެނެ އެވެ.