ގދ. ތިނަދޫ ފުލް ލޮކްޑައުނަކަށް ދިއުމަށް ރަސްމީކޮށް އެއްވެސް ސިފައެއްގައި ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ) ގައި މަޝްވަރާނުކުރާ ކަމަށާއި މީސްމީޑިއާގައި އެގޮތަށް ވާހަކަދެކެވުނު ނަމަވެސް އީ.އޯ.ސީ އިން ލޮކްޑައުންއަކަށް ދާން ނުނިންމާކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވެއްގެއެވެ.
ތިނަދޫގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ އާލަމީވަބާއިން ރައްކާތެރިވުމަށް ފުލް ލޮކްޑައުނަކަށް ދިއުން މުހިއްމުކަމަށް ތިނަދޫގައި ތިއްބެވި ސިއްޙީ މާހިރުންނާއި ސަރުކާރު މުއައްސަސާތަކުގެ ވެރިންގެ އިތުރުން އެތައް އާންމު ރައްޔިތުންނެއް މީސްމީޑިއާގައި ޕޯސްޓް ކުރަމުންދިއުމާއި ގުޅިގެން އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައުދު ވިދާޅުވީ ތިނަދޫ ފަދަ ބޮޑު އާބާދީއެއް އޮތް ރަށެއްގައި ކޮންމެ ބޭފުޅެއްވެސް އަމިއްލަ މީސްމީޑިއާތަކުގައި ހިޔާލާއި ޝުއޫރު ފާޅުކުރާނެކަމަށެވެ.
އެހެންނަމަވެސް އެއިން ކޮންމެ ހިޔާލަކާ އެއްގޮތަށް ކައުންސިލުން ކަންކަން ނިންމުން އެއީ އެންމެ ބުއްދިވެރި ކަމަކަށް ނުވެދާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ހިކުމަތްތެރިކަމާއެކު ކަމާއިބެހޭ ވުޒާރާތަކުގެ އިސްވެރިންގެ މަޝްވަރާއާއެކު ރަށު ކައުންސިލުންވެސް ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު މިގޮތަށް ވިދާޅުވެފައިވާއިރު، ގދ. ކޮވިޑް ފެސިލިޓީގެ މެނޭޖަރު ޑރ. އަޙްމަދު އާޒިމް އަބްދުއް ޝަކޫރު ވިދާޅުވީ ތިނަދޫގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ ކޮންޓެކްޓް ޓްރޭސިންގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭހެން ހީވާކަމަށާއި މިހާރު މިދާ ރޭޓުން ކުރިއަށް އޮތް 06 މަސްދުވަސް ތެރޭ ވެސް ބަލި ކޮންޓްރޯލްވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ފުލް ލޮކްޑައުންކޮށް ރަނގަޅަށް މޮނިޓަރ ކޮށްގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވޭނެކަމަށް ޑރ. އާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ގދ. އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވެސް ވަނީ ތިނަދޫ ފުލް ލޮކްޑައުންއަކަށް ދިއުން މުހިންމުކަމަށް ވިދާޅުވެ ތިނަދޫން ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ފުލް ލޮކްޑައުނަކަށް ގޮސްގެން ކަމަށް ވިދާޅުވެފައެވެ.