މިއީ އަޅުގަނޑުގެ އެކުވެރިއެއް އަޅުގަނޑާއި ހިއްސާކުރި ހާދިސާއެއްގެ ވާހަކައެކެވެ. އަޅުގަނޑާއި އެއް ފަސްގަނޑެއްގައި އެއް ތަނެއްގައި އެ އެކުވެރިޔާ ނުވި ކަމުގައިވިއަސް އޭނާގެ މުޅި ދުވަހުގެ ދިރިއުޅުން އޭނާ ދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ. މަޖާ ނެގުމުގައި އެއީ އަބަދުވެސް އެފަދަ ދެވަނައެއް ނެތް އެކުވެރިއެކެވެ. މަސް ދަތުރެއް ވިއަސް، ޕާޓީއެއް ބާއްވަން ޖެހުނަސް، ދަންވަރު މަޖާ ނެގުމުގައި އުޅެމުން ބަނޑުހައިވެގެން އެއްޗެއް ކައްކަން ޖެހުނަސް އެ އެކުވެރިޔާ އަކީ އެކަމުގެ އެންމެ ކުރީގައި ހުންނަ މީހާއެވެ.
ފެތުރެމުން މިދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ރާއްޖެ އެންމެ ފުރަތަމަ ކުރިމަތިލީއިރު މި އެކުވެރިޔާއަކީ ގައިދުރުކަން ބެހެއްޓުމަށާއި އަތްދޮވެ އަދި ބަލިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންތައް ކުރުމުގައި އޭރު ވަަރަށް ފަރުވާތެރިކަމާއި އެއްކޮށް ކުރަމުން އައި މީހެކެވެ. ބަލިން މަރުވާ މީހުންގެ ނިސްބަތް ޖެހޭ މީހުންނާއި ބަލާފައި މަދު ވުމުން މަޑު މަޑުން މި އެކުވެރިޔާ ބަލި މާ ސީރިއަސް ކޮށް ނުނަގާ ކަން ފަހުން ފާހަގަކުރެވުނެވެ. މަޑު މަޑުން ދެން ފެންނަން ފެށީ ސިއްހީ ދާއިރާގެ މީހުންނާއި އެ ފަންނުގައި މަސައްކަތް ކުރާ މީހުން ދައްކާ ވާހަކަ ޖޯކަކަށް ހަދައި ވައިބަރ ގްރޫޕްތަކާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަން ފެށިތަނެވެ. އާދައިގެ ރޯގާ އެކޭ ހީކުރެވޭ ފަދަ ބަސްމަގަކުން ވާހަކަ ދައްކަންފެށިއެވެ.
މީގެ 4 ވަރަކަށް ދުވަސް ކުރިއެވެ. އެކުވެރިޔާ ސްނެޕްޗެޓުން ފޮނުވާލި ފޮޓޯ އިން އެކުވެރިޔާގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަން ފާހަގަކުރެވިގެން ބަރުދަން ލުއި ކުރަން މަސައްކަތް ކުރަނީއޭ ހިތާ ކޮބާތޯ ކަސްރަތު ކުރުމުގެ ޕްލޭން އަހާލީމެވެ. ޖަވާބުގައި އެކުވެރިޔާ ބުނެލީ އެއީ ކޮވިޑް-19 ކަމެވެ. އެއީ ޕްލޭން ކުރެވޭ ނުވަތަ ދެން އަންނަ ގަޑިއިރު ތެރޭގައި ވާނޭ ގޮތް ލަފާ ކުރަން އުނދަގޫ ކަމެކޭ ބުނެ އެބަ ގުޅަމޭ ބުނެފިއެވެ.
“މަ މުޅިން ނިކަމެތިކޮށް ވަރު ދެރަ ކޮށްލައިފި، ބަލިން ސަލާމަތްވެއްޖެ، އެކަމަކު ކުރިން ދިރިއުޅުމުގައި އެހުރި ހިސާބަށް ދާން އަދި ކިތަންމެ އަހަރެއް ނަގާނެ” އެކުވެރިޔާ ވާހަކަ ކިޔައިދޭން ފައްްޓަމުން ބަލީގެ އަސަރު ހުރި ވަރު އަންދާޒާ ކޮށްލަދޭން މަސައްކަތް ކުރިއެވެ. އެކުވެރިޔާ ބުނިގޮތުގައި ގެއިން އެންމެ ފުރަތަމަ ފައްސިވީ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ނޭޕާލް އަންހެން މީހާއެވެ. އޭނާގެ ހަށިގަނޑުން އަލާމާތްތަކެއް ނުދައްކައެވެ. އެހެންވީމާ އޭނާ ފައްސިވި ކަމާއި މެދު ސުވާލު ކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ. އެހެން އުޅުމުގެ ތެރެއިން ގެއިން ފަހަރަކު މީހަކު ބައްޔަށް ފައްސިވަމުން ގޮސް 5 ވަނައަށް ފައްސިވީ އެކުވެރިޔާއެވެ.
އެކުވެރިޔާ ބުނިގޮތުގައި އޭނާގެ ހަށިގަނޑުން ވެސް ފުރަތަމަ އެއްވެސް ގޮތަކަށް ބައްޔަށް ފަައްސިވުމުގެ އަލާމާތެއް ނުފެނެއެވެ. ވީމާ އޭނާ އުޅެމުން އައީ ހަމަ އާދައިގެ މަތިން އުޅޭހެންނެވެ. އެއް ދުވަހުގެ އިރު އޮއްސުނު ވަގުތެވެ. މަންމަ ގިރައިދިން ސައިތައްޓެއް ބޯން އިންދާ ކޮށިއެރިއެވެ. އެ ކޮށި އެރުމާއި އެކު ކެއްސުން ރަނގަޅު ނުވެ 5 ވަރަކަށް މިނެޓު ވިއެވެ. ކެއްސުން ރަނގަޅުވިއިރު މީހާގެ ނޭވާ ކުރުވާގޮތްވެއްޖެއެވެ. ކެއްނުވާވަރު ވުމުން ހޮސްޕިޓަލަށް ގެންދިއުމަށް އެދުނީމެވެ.
ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ކަންވީ ނުވީ އޭނާ އަކަށް ނޭނގެއެވެ. އެމްބިއުލާންސަށް އެރި ކަން ހަނދާން ހުއްޓެވެ. ނަމަވެސް ދެން އެމްބިއުލާންސް ތެރޭގައި ވީ ކަންތަކެއް ނޭނގެއެވެ. އެމްބިއުލާންސުގައި އެއްކޮށް ހޮސްޕިޓަލަށް ދިޔަ އެކުވެރިޔާގެ ބޭބެ ކިޔައިދިން ގޮތުގައި އެއީ ބިރުވެރި ވަގުތުކޮޅެކެވެ. އެކުވެރިޔާގެ ނޭވާ ހާސްވެ ފުން އެއް ނޭވާ ލުމަށްފަހު މީހާގެ ހަރަކާތް ހުއްޓުނެވެ. ކަންފަތުންނާއި ނޭފަތުން ލޭ އަންނަތަން ފެނުނެވެ. އެކުވެރިޔާގެ ބޭބެ ވިންދު ހުރިތޯ ބެލުމަށް ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. ހޮސްޕިޓަލަަށް ގެންގޮސް ބެލި ބެލުމުން ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށާއި ފުރަތަމަ ކަމަކަށް ވެންޓިލޭޓް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދިނެވެ.
ވެންޓިލޭޓަރުގައި ޖުމްލަ 7 ދުވަސް އެކުވެރިޔާ އޮތް އިރު ހެނދުނު ވަރަށް ބޮޑަށް އެކުވެރިޔާ ބަލިން ރަނގަޅުވެއްޖޭ ހީވާހާ ވަގުތުތައް ދިޔަކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް ރޭގަނޑު ހަބަރު ހޯދާލާއިރު މުޅިން އެހެން އުއްމީދެއް ނެތްފަދަ ހަބަރު ތައް އާއިލާއަށް ޑޮކްޓަރުން ދީފައިވާކަމަށް އެކުވެރިޔާ ބުންޏެވެ. 7 ދުވަހަށްފަހު އަމިއްލައަށް އެކުވެރިޔާ ނޭވާލާން ފައްޓައި ފުރަތަމަވެސް ކުރި ސުވާލަކީ އޭނާ އޮތީ ކޮންތާކު ކީއްވެގެންތޯ އެވެ. ދިރިއުޅުމުން 7 ދުވަސް އެކުވެރިޔާއަށް ގެއްލުނީއެވެ. އަނބިމީހާގެ އުފަންދުވަސް އައީ އެ 7 ދުވަހުގެ ތެރޭގައެވެ. ކައިވެންޏަށް 5 އަހަރުވީ އެ 7 ދުވަސް ތެރޭގައެވެ. އަންހެނުން ދަރިއަކަށް ބަލިވެ އިންކަން އެނގުނީ ވެސް ހަމަ އެ 7 ދުވަސް ތެރޭގައެވެ.
ސިއްހީ މާހިރުންގެ ލަފާޔާއި އިރުޝާދު ތަކުގައި އަޑުއަހައި ކިޔަމަންވި ނަމަ އުފަލުގައި ހޭދަކުރެވޭނެ 3 ދުވަހެއް އެކުވެރިޔާ އަށް ގެއްލުނީއެވެ. އެކުވެރިޔާ ކިޔައިދިން ގޮތުގައި އައިސީޔޫގައި ހަމަހޭވެރިކަންމަތީ އޮތުމަކީ ބިރުވެރިކަމެކެވެ. އެކުވެރިޔާ ބުނި ގޮތުގައި މެޝިނުގެ އަޑު ކެނޑޭ ވަގުތެއް ނާދެއެވެ. ޑޮކްޓަރުންނާއި ނަރުހުން އެއީ ކާކު ކަން ނޭނގޭ ވަރަށް ނިވާވެގެން ތިބެ އައިސީޔޫ ތެރޭ އެއުޅޭ ގޮތް ހިތަށް އެރިއަސް ބަލީގެ ގޯސް މިންވަރު ވަޒަން ކުރެވެއެވެ. ގަދަވެ ސަލާމަތުން މިއަދު އެކުވެރިޔާއަށް އައިސީޔޫ އިން ނިކުމެވުނު ކަމުގައިވިއަސް އެއީ ކޮންމެ މީހެއްގެ އަތުގައި ހިފާނެ ނަސީބެއް ނޫނެވެ. ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ފޮނުވާލިއިރު މިއަދު އެއިނީ އާންމު ދިރިއުޅުމުގައި މީހުން ހެލިފެލިވެ އުޅޭ ވަރަށްވެސް ހެލިފެލިވެ ނޫޅެވޭހާ ވަރުބަލިވެފައެވެ. ބައްޔާއި މެދު ހިތުގައި ބިރުވެރިކަން އުފެދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދު ވިސްނާލަ ވިސްނާލައެވެ.
ކުޅިވަރު ތަކާއި މީހުން އެއްވެ އުޅޭ ފަދަ ހަފްލާތައް ބޭއްވުމުގައި އެއްބަޔަކު އުޅޭއިރު ކޮންމެ މީހެއް ހޭލައްވާލާ އެއްޗަކީ ކޮވިޑް19 އަށް ނުވެދާނެވެ. ކޮވިޑް19ގެ ބަލި މަޑުކަން އަދި ތަހަންމަލު ކުރަން ނުޖެހުނު ކަމުގައިވިއަސް މާދަމާވެސް ތިބާ އަށް ކޮންމެހެން ލިބެންޖެހޭ ފަރުވާ އެއް ނުލިބުން ނުވަތަ ލަސްވުމުގެ އަސްލަކީ ކޮވިޑް19 ކަމުގައި ވެދާނެއެވެ. ހުރިހާ ހޮސްޕިޓަލަކުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ދޭންޖެހޭ ފަރުވާތައް ނޫނީ ނުދޭ އިރު މާދަމާ ތިބާ ހަށިގަނޑުގައި ވޭން އަޅަމުން ޑޮކްޓަރު ކައިރިއަށް ދިއުމުން އަދި ބޭސްކައިގެން ކެއްކޮށްލުމަށް ޑޮކްޓަރު ލަފާ ދެއްވާނީ މާދަމާ ކަމުގައިވެސް ވެދާނެއެވެ. ފެތުރެމުން މިދާ ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުންނާއި ފަރުދީ ގޮތުން އަދި އަމިއްލަ ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތިމާ އާއި ތިމާގެ އާއިލާ ރައްކާތެރިކުރަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މުޅި ދުނިޔެއާއި ގައުމުގެ ހާލަތަށް ވިސްނާ ފިކުރުކޮށް ކޮވިޑް19 ތިމާއާއި ބައްދަލުކުރުމުގެ ކުރިން ތިމާ ހޭލާ ހުންނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ.