English Edition
Dhivehi Edition

ރާއްޖެއަށް ކޮރޯނާ ވައިރަސް އެތެރެވުމުގެ ފުރުސަތު އޮތުމުން، އެއާޕޯޓުތަކުގައި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައިވާކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

މި ބަލި ރާއްޖެއަށް ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާއިރު މިއަދު ޑރ. ނިޔާފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ކަމަށާއި މިހާރު ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅައި އެކަން ރަސްމީކޮށް އިއުލާން ކުރަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރެވެމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށާއި އެ އިތުބާރު އުފައްދައިދިނުމަށް ނިޔާފް ވަނީ އެދިވަޑައިގެންފައެވެ، “ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް ހުމަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވޭ. އެ ސިސްޓަމް ބޭނުންކުރަމުން އަންނަކަމަށް އުއްމީދުކުރަން”ޑރ. ނިޔާފް ވިދާޅުވިއެވެ.

އެކި ގައުމުތަކުން މި ބަލި ފެންނަން ފެށުމާއެކު، ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓުތަކުގައި ބައްޔަށް ސްކްރީންކުރުމުގެ ކަންކަން ވަރުގަދަކޮށްފަ އެވެ.

ޗައިނާގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު މިހާތަނަށް މި ބަލި ޖެހިފައިވާ 440 މީހުން ވަނީ ފެނިފައެވެ. އަދި މި ބަލި ޖެހުނު 09 މީހަކު މަރުވެފައިވާއިރު ޗައިނާގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފަ އެވެ.

މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ޗައިނާ ސަރުކާރުން ވަނީ އެންމެބޮޑަށް ވައިރަސް ފެތުރިފައިވާ ވުހާންގެ ޕްރޮވިންސެއް ކަމަށްވާ ހުބައީގެ މާކެޓްތަކާއި ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސްކުރުމަށް މިހާރު ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، މޭގަނޑުގައި ރިއްސުމާއި، ކަރު ތެރެއަށް އުނދަގޫވުމުގެ އިތުރުން ހުން އައުންވެސް ހިމެނެއެވެ.