ގދ. ތިނަދޫގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 78 އަށް ދަށްވެފައިވާ ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 04 މީހުން ބައްޔަށް ފައްސިވެ، 19 މީހުން ރަނގަޅުވެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 78 އަށް ދަށްވެފައެވެ. 02 މީހަކަށް ފަރުވާދެމުންދަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައެވެ.
މިއަދު ފައްސިވެފައިވާ 04 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 02 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 02 މީހެއް ހިމެނެއެވެ.
މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 138 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 79 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 33 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 11 މީހުންނެވެ.
ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 280 މީހުން 175 ގެއެއްގައި މިވަގުތު ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 04 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.