English Edition
Dhivehi Edition

މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް، ތުއްތު ކުދިންނަށް ދިނުމަށް ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާދަމާ މާލޭގައި ވެކްސިން ދެނީ ހަ މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިންނަށް ކަމަށެވެ. އެޗްޕީއޭން ނެރުނު ބަޔާނުގައި ބުނީ މާދަމާ ދޭ ވެކްސިންއަކީ ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ އެމްއާރުއެމް ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއް ކަމަށާއި މިއީ ހިމަބިހި ޖެހިއްޖެ ނަމަ އެ ކުދިންނަށް ނުރައްކާ ބޮޑުވާތީ ދޭ އިތުރު ޑޯޒްއެއް ކަމަށެވެ.

މާދަމާ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖަހަންދެން، ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގަ އެވެ.

ރާއްޖެއިން ނައްތާލާފައިވާކަމަށް އިއުލާންކޮށްފައިވާ ހިމަބިހި އަލުން ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުން ވަނީ، މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންނާއި މީހުންނަށް ވެކްސިން ދޭންފަށާފައެވެ. އަދި ސްކޫލް ތަކުވެސް ދަނީ ކުދިންނަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ޔަގީންކުރަމުންނެވެ.

ޓެގު