ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅުން ގއ.ކޮނޑޭ ވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނައިފިއެވެ.
ގއ. ކޮނޑޭގެ 12 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ %96 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައި އެވެ. އަދި 65 އަހަރުން މަތީގެ އާބާދީގެ %100 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައި އެވެ.
ހުވަދު އަތޮޅުން ޕީސީއާރް ޓެސްޓާއި ނުލާ ދެން ދަތުރުކުރެވޭނެ ރަށްތަކަކީ ގއ ދެއްވަދޫ، ގދ ރަތަފަންދޫ، ގއ ނިލަންދޫ، ގއ ވިލިނގިލި، ގއ ގެމަނަފުށި، ގއ ކަނޑުހުޅުދޫގެ އިތުރުން ގއ މާމެންދޫއެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.
އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.