ކުރިއަށް އޮތް ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ދަމަނަވެށީގެ އާންމު ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ކޮންމެހެން ޖަހަންޖެހޭ ކުއްލި ޓްރެވަލް ވެކްސިންގެ ހިދުމަތް ދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. ދަމަނަވެށިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މެއި 22 އިން ފެށިގެން މެއި 30 ގެ ނިޔަލަށް އީދު ބަންދާ ގުޅިގެން އެ ސެންޓަރުގެ އާންމު ހިދުމަތްތައް ބަންދުވާނެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް ކޮންމެހެން ޖަހަންޖެހޭ އިމަޖެންސީ ޓްރެވަލް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ކުރިއަށްދާނެއެވެ.
ބަންދު ދުވަސްތަކުގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރަންޖެހޭނެ ކަމަށް ދަމަނަވެށިން ބުނެއެވެ. އެގޮތުން މި މެސެޖުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) އަދި ބަންދު މުއްދަތުގައި ފުރުމަށް ކޮންފާމްވެފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ޓްރެވަލ ޑޮކިއުމެންޓް ފޮނުވަންޖެހޭނެއެވެ. ބަންދު ދުވަސްތަކުގައި ދަތުރުކުރާ ފަރާތްތަކުން މި ލިޔެކިޔުންތައް ފޮނުވުމަށް ދަމަނަވެށިން ސަމާލުކަން ދިނުމަށް އެދެއެވެ.
ދަމަނަވެށިން އިތުރަށް ބުނި ގޮތުގައި، މި މުއްދަތުގައި ވެކްސިން ޖަހައިދެވޭނީ ލިޔެކިޔުންތައް ފޮނުވައި، ވެކްސިން ޖެހުމުގެ ކޮންމެހެން ބޭނުންޖެހިފައިވާކަން ޔަގީންވުމުންނެވެ. މި ހާއްސަ އިންތިޒާމަކީ އީދު ބަންދުގެ ދިގު މުއްދަތުގައި ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ހަމަޖެއްސި އިންތިޒާމެކެވެ. އެހެންކަމުން، ލިޔެކިޔުންތައް ފުރިހަމަކޮށް ކަނޑައެޅިފައިވާ ނަންބަރަށް މައުލޫމާތު ހިއްސާކުރުމަށް ދަމަނަވެށިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.