English Edition
Dhivehi Edition

މި އަހަރުގެ ނޮވެމްބަރު މަހު ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ފަތުރުވެރިންނަށްވެސް ވެކްސިން ދޭން ކުރިން ވެސް ވަނީ ނިންމާފައެވެ. ޓޫރިޒަމް މިނިސްޓަރު މައުސޫމް ‘ސަން’ އަށް ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓާގައި އެކަން ވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާކަމަށެވެ. އަދި މިހާރު އެކަމުގެ މަޝްވަރާތައް ހެލްތު މިނިސްޓްރީއާއި އެކު ކުރެވެމުން އަންނަ ކަމަށްވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ،

ވެކްސިން ދިނުމަކީ ފަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއްކަން ފާހަގަކުރައްވަމުން މައުސޫމް ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅުކަމަށެވެ. މިހާރު މި ދިމާވަނީ މީގެ ކުރިން ތާރީހުގައި ވެސް ނުދެކޭފަދަ ހައި ސީޒަަނެއްކަން މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ،

އިތުރަށް މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ކުރީގެ ހާލަތަށް އިޔާދަވިކަމަށް ބެލެވޭނީ ހުރިހާ އެންމެނަށް ވަޒީފާ ލިބި، އާމްދަނީގެ ގޮތުން ވެސް ރައްޔިތުންނަށް އޭގެ ފައިދާތައް ފުރިހަމައަށް ލިބެން ފެށުމުންކަމަށެވެ.