English Edition
Dhivehi Edition

1990 ވަނަ އަހަރު ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝަބާނާ އަޒްމީ އާއި އޭނާގެ ފިރިމީހާ ޖާވިދް އަހްތަރު އެކްސްިޑެންޓްވި ހަބަރާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހިތާމައަކާއި ހައިރާންކަމެކެވެ.

އިއްޔެ ހިނގި މި އެކްސިޑެންޓްގައި ޝަބާނާ އަށާއި ކާރު ޑްރައިވަރަށް އެކިވަރުގެ އަނިޔާތައް ވެފައިވާއިރު މި އެކްސިޑެންޓުގައި ޖާވިދަށް މާ ބޮޑު އަނިޔާއެއް ނުވެއެވެ. ޝަބާނާއަށް ލިބުނު އަނިޔާތަކަށް އެމްޖީއެމް ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު އޭނާއަށްވެސް މާ ބޮޑު އަނިޔާއެއް ވެފައިނުވާކަމަށް ޖާވިދު ވަނީ ބުނެފައެވެ. މި އެކްސިޑެންޓްގެ ހަބަރާއެކު ގިނަ ބަޔަކު އެކްސިޑެންޓްވީ ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނައިރު ގިނަ ފިލްމީ ފަންނާނުންވެސް ވަނީ ޝަބާނާއަށް އަވަސް ޝިފާއެއް އެދި ދުއާކޮށްފައެވެ.

ޓުވިޓާގައި ޝަބާނާއަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ދައުރުވަމުން އަންނައިރު މަޝްހޫރު ބަތަލާ ޝަރްދާ ކަޕޫރް އާއި ވަރުން ދަވަން މި ވަނީ އެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާރ ނުކުރުމަށް ގޮވާލާފައެވެ. މި ގޮތުން ޝަރްދާ ކުރި ޓުވިޓެއްގައި ބުނީ “އެއްވެސް މީހަކު މިފަދަ ހިތާމަވެރި ކަމެއް، އެކްސިޑެންޓެއް ދިމާވެއްޖެ ނަމަ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާރ ނުކުރުމަކީ އަހަރެންގެ ގާތް ރަހްމަތްތެރިންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް. އެ ނާޒުކު ވަގުތު އެމީހުންގެ އާއިލާއަށް އަދި ލޯބިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ހިތާމައާއި ހިތްދަތިކަމާއި މެދު ވިސްނާލުން ރަގަޅު” މީގެ އިތުރުން ޝަރްދާ ވަނީ މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފަދަ ފޮޓޯތައް ރިމޫވްކުރުމަށް ގޮވާލާފައެވެ.