English Edition
Dhivehi Edition

އަނިލްކަޕޫރް އާއި ވަރުން ދަވަން ގެ އިތުރުން ކިއާރާ އަދްވާނީ އާއި ނީތޫ ކަޕޫރް ތަރިންގެ ގޮތުގައި ހަރަކާތްތެރިވާ ‘ޖުގްޖުގްޖިއޯ’ގެ ޝޫޓިން އަލުން ފަށައިފި އެވެ.

ފިލްމުގެ މުހިއްމު ތަރިންކަމުގައިވާ ނީތޫ އާއި ވަރުން ގެ އިތުރުން ޑިރެކްޓަރ ރާޖް މެހެތާ ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ފިލްމުގެ މަސައްކަތް ހުއްޓާލީ މި މަހުގެ ކުރީ ކޮޅުގައެވެ. މި ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ޗަންދީގަރު މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާއިރު ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ފިލްމުގެ ޝޫޓިން ފެށުނުކަން ވަރުން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮށްފައެވެ.

ކޮވިޑް19ގެ ސަބަބުން ޝޫޓިން މެދުކަނޑާލާފައި އޮތުމަށްފަހު ނޮވެމްބަރުމަހުގެ މެދުތެރޭގައި އަލުން މި ފިލްމުގެ މަސައްކަތް ފެށިގެން ދިޔައިރު ޗަންދީގަރްގައި ނަގަންޖެހޭ މަންޒަރުތައް އަވަހަށް ނިންމާލުމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމު 2021 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ކޮވިޑް19 ގެ ސަބަބުން ދެ ފަހަރެއްގެ މަތިން ފިލްމުގެ މަސައްކަތް ހުއްޓާލަންޖެހުމާއި ގުޅިގެން އަދި ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.