އައްޑޫ ސިޓީ ހުޅުދޫ ގައި އެއިމްސް ކްލިނިކް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ހުޅުދޫގައި މި ކްލިނިކް ހުޅުވައިދެއްވީ ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ އާއި މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒް ހަސަންއެވެ. މި ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެއިމްސްގެ މެނޭޖިންގް ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވީ ހުޅުދޫގައި އެއިމްސް ކްލިނިކް ގެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ދުވަހަކު ހެނދުނު ކަނޑު ހުރަސްކޮށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި މި ދެ ރަށުގެ މީހުން ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް ނިމުމަކަށް ގެނެސް އެކަށީގެން ވާ ސިއްހީ ފަރުވާ، ރަށުގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެއްސުން ކަމުގައެވެ.
” ހުޅުދޫ ގައި އެއިމްސް ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުދޫ، މީދޫ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން”އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ އެއިމްސްގެ މެނޭޖްމެންޓާއި ސްޓާފުން އަބަދުވެސް މަސައްކަތްކުރަނީ މި ދެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާއި އެއްވަރަށް ހިދުމަތް ދިނުމަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހުޅުދޫ ކައުންސިލަރު ޝުކުރީ ވިދާޅުވީ މިއަދަކީ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއީ ރަށުން އެކަށީގެންވާ ސިއްހީ ފަރުވާ ލިބިގެން ދިއުމުގެ ފެށުންކަމަށެވެ.
“އަޅުގަނޑު ކައުންސިލް ކަމާއި ހަވާލުވި ދުވަހުން ފެށިގެން އެންމެ ބޮޑު ކަންބޮޑުވުމަކީ މި ދެ ރަށުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހެނު ދަތުރުތައް. އަޅުގަނޑު އެންމެ ބޮޑަށް މަސައްކަތްކުރި އެއްކަމަކީ މި ދަތުރުތައް ހުއްޓުވުން. މިއަދު ފެނިގެން މިދަނީ އެކަންތަކުގެ ފެށުނުް” ޝުކުރީ ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ހިދުމަތެއް މި ދެ ރަށަށް ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް ކުރެއްވި އެއިމްސްގެ ޓީމަށް ދެ ރަށުގެ ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެެވެ.
ހުޅުދޫގައި ގާއިމްކުރެވުނު އެއިމްސް ކްލިނިކުން ކޮންމެ ދުވަހު އާންމު ބަލީގެ ޑޮކްޓަރު ބައްލަވާ ގޮތަށް ހަމަޖެހިފައިވާއިރު ހަފްތާގެ ކޮންމެ ދުވަހަކުވެސް، ކޮންމެވެސް އެއް ސްޕެޝަލިސްޓެއް ބައްލަވާނެ ކަމަށް އެއިމްސް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކްލިނިކުން ޓެސްޓު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު ފޭދޫ އަށް ދަތުރު ނުކޮށް ޓެސްޓްތަކުގެ ނަތީޖާ ލިބޭ ގޮތްވެސް އެއިމްސް އިން ވަނީ އިންތިޒާމްކޮށްފައެވެ.
އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.