އައްޑޫ ސިޓީގެ ފޭދޫގައި ސިއްހީ ޚިދުމަތް ދެމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑިޕާޓްމަންޓެއް ހުޅުވައިފިއެވެ.
މިއަދު އެއިމްސް ކުލިނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޑިޕާޓްމަންޓް ހުޅުވައި ދެއްވެވީ އެއިމްސްގެ އިންޓާރނަލް މެޑިސިންގ އެޗްއޯޑީ ޑރ އަލްސައިދު ޠޯހާ އަލްސައްބާޣް އެވެ. ޑރ އަލްސައިދް އަކީ ހީމަޓޮލޮޖީ ގެ ސަބް ސްޕެޝަލިސްޓެކެވެ. ހީމަޓޮލޮޖީ ނުވަތަ ލޭގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލް ތަކުގައި ވެސް މަދެވެ.
އެއިމްސް ޑައިގްނޯސްޓިކް ކެއަރ ގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވީ އަލަށް ހުޅުވި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑިޕާޓްމަންޓުގައި މިވަގުތު އެކުލިނިކްގައި މަސައްކަތް ކުރައްވަވާ ޑޮކްޓަރުގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރައްވަވާ މި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ތަކެއް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަވާނެ ކަމަށެވެ. ހަމަ މިއާއެކު އެތެރެހަށީގެ ބަލި މީހުންނަށް ޚާއްޞަ ގިނަ ޓެސްޓް ތައް އެކުލިނިކުން ހެދޭނެ އިންތިޒާމު ކައިރި މުސްތަގުބަލެއްގައި ހަމަޖެހިގެން ދާނެ ކަމަށެވެ.
ޒަމާނީ ގިނަ ވަސީލަތް ތަކާއެކު އައްޑޫސިޓީގައި ޚިދުމަތް ދެމުން އަންނަ އެއިމްސް އިން މިއަދު ވަނީ 3ޑީ އަދި 4 ޑީ ސްކޭން ގެ ޚިދުމަތް ވެސް ފަށާފައެވެ. މިގޮތަށް ކުރާ ސްކޭން ގައި ބަނޑުގައި އޮންނަ ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރިން އެއްވެސް ކަހަލަ މައްސަލައެއް ހުރިނަމަ އެކަމެއް ދަނެގަނެވެއެވެ. އަދި އަވަހަށް އެކަމަކަށް ފަރުވާ ދެވެން ފަށައެވެ.
މިފަދަ ގިނަ ޚިދުމަތް ތަކެއް ކުރިއަށް އޮތްތަނުގައި ވެސް ތައާރަފް ވެގެން ދާނެ ކަމަށް އެއިމްސް އިން ވަނީ ބުނެފައިވާއިރު އެ ކުލިނިކުން ދާދި ފަހުން ވަނީ ހުޅުދޫ ގައި އެއިމްސްގެ ބްރާންޗެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. މި ކުލިނިކުގައި އާންމު ބަލީގެ މީހުންނަށް ކޮންމެ ދުވަހަކު ފަރުވާ ދެވޭ އިރު ސްޕެޝަލިސްޓުން ހަފްތާއަކު އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމީދޫ ބްރާންޗަށް ޒިޔާރަތް ކޮށް ބަލިމީހުން ބަލައެވެ. އަދި ލެބޯޓްރީގެ ޚިދުމަތާއި ފާމަސީގެ ޚިދުމަތް ވެސް މި ތަނުން ލިބެން ހުރެއެވެ. މިއީ އެކަށީގެންވާ ގޮތުގައި ސިއްހީ ޚިދުމަތް ނުލިބި ޝަކުވާ ގިނަވެފައި އޮތް ހުޅުދޫ އަދި މީދޫގެ މީހުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.