އާސަންދައިގެ ދަށުން ޚިދުމަތް ދިނުމުގެ ހުއްދައަށް އެދުނުތާ ހަތަރު މަސް ވީއިރުވެސް އަދިވެސް އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ހުޅުމީދޫ ކްލިނިކަށް އެ ހުއްދަ ލިބިފައި ނުވާ ކަމަށް، އެ ކްލިނިކްގެ މެނޭޖިންގ ޑިރެކްޓަރ، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއިމްސް ހުޅުމީދޫ ކްލިނިކުން 05 ފެބުރުވަރީ 2020 ވަނަ ދުވަހު އާސަންދަ ޚިދުމަތަށް އެދިފައިވާ ކަމަށެވެ.
AIMS Hulhumeedhoo Clinic in 5 February 2020 gai vaanee Aasandha khidhumathah edhifaeve. Adhi 3 March ga inspection nimunu fahun ehves javaabeh nulibeythee e clinic ge khidhumaiyyves alhugandumenah kuriah nugendhevifaivaa vaahaka mikamaa suvaalu kurahvva beyfulhunnah dhannavan.
— Ali Ihusaan (@ali_ihusaan) June 4, 2020
“އަދި މާރިޗު 03 ގައި އިންސްޕެކްޝަން ނިމުނު ފަހުން އެއްވެސް ޖަވާބެއް ނުލިބޭތީ އެ ކްލިނިކްގެ ޚިދުމަތްވެސް އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވިފައިވާ ވާހަކަ މިކަމާ ސުވާލު ކުރައްވާ ބޭފުޅުންނަށް ދަންނަވަން”، އިހުސާން ވިދާޅުވެފައި ވެއެވެ.
އެއިމްސް ހުޅުމީދޫ ކްލިނިކް ރަސްމީކޮށް ހުޅުވީ މި އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އިހުސާން ވިދާޅުވީ އެ ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ދުވަހަކު ހެނދުނު ކަނޑު ހުރަސްކޮށް ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް ނިމުމަކަށް ގެނެސް، އެކަށީގެންވާ ޞިއްޙީ ފަރުވާ، ރަށުގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެއްސުން ކަމުގައެވެ.
އެއިމްސްގެ ކްލިނިކެއް އައްޑޫ ސިޓީ ފޭދޫގައިވެސް ހުރެއެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.