English Edition
Dhivehi Edition

ލިޔުނީ: އާމިނަތު ޒީނާ

އައްޑޫސިޓީގެ ފޭދޫގައި ސިއްޚީ ޚިދުމަތް ދެމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ ގައި ރޭޑިއޯލޮޖީ ޑިޕާރޓްމަންޓް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ.

އެ ސެންޓަރުގައި މި ޚިދުމަތް ފައްޓަވައި ދެއްވީ ކްލިނިކްގެ މުވައްޒަފެއްކަމަށް ވާ ސުހާ ރަޝީދާއި ކްލިނިކާއި އަލަށް ގުޅުނު އިޖިޕްގެ ރޭޑިއޮލޮޖިސްޓް ޑރ މުޙައްމަދު ޔުސްރީ ޢަބުދުލްރަޙްމާން(އެމް.ބީ.ބީ.ސީ.އެޗް،އެމް.ޑީ)އެވެ.

އަލަށް ތަޢާރަފް ކުރެވުނު ޚިދުމަތުގެ ތެރޭގައި ތަފާތު ދިހަ ވަތްތަރެއްގެ ސްކޭންތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެއިމްސް އިން ބުނެއެވެ. މީގެ ތެރޭގައި ސްކޭންގެ ރިޕޯރޓާއި އެއްކޮށް ސްކޭން ސީޑީވެސް ފޯރުކޮށްދެވޭނެއެވެ.

މުޅިން އަލަށް އެ ސެންޓަރުން ފެށި ރޭޑިއޮލޮޖީ ގެ ޚިދުމަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ މޭޖިންގ ޑިރެކްޓަރ ޢަލީ އިޙްޞާން ވިދާޅުވީ މިއަދު އަލަށް އިތުރު ކުރެވުނު މިޚިދުމަތް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވުނީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.

” މިކުލިނިކްގެ އޯނަރ އަދި ޗެއަރމަން މުޙައްމަދު ނަޢީމް ،ކުލިނިކުންދެވޭ ޚިދުމަތްތަކުގެ އަގު ހަމަޖައްސަވާއިރު ވިޔަފާރިއަށް ވުރެން ބޮޑަށް އަބަދުވެސް ބައްލަވާފައިވާނީ،ރައްޔިތުންނަށް އަތްފޯރާފަށުގައި،ހެޔޮ އަގުގައި އެ ޚިދުމަތެއް ފޯރުކޮށްދެވޭތޯ. އެގޮތުން އާސަންދާގައި ނުހިމެނޭ ބައެއް ކަހަލަ ސްކޭންތައް ވެސް މިސިޓީން އެއްމެ އަގު ހެޔޮކޮށް ކުރެވޭނެ ތަނަކީ އެއިމްސް ކަމުގައި ވެގެންދާނެ. މި ޚިދުމަތުގެ ތެރެއިން ކާރި މުސްތަޤުބަލެއްގައި ލެބޯޓްރީން ޕެތޮލޮޖީ ޓެސްޓްތައް ވެސް އިތުރުކުރުމަށް ދަނީ ވިސްނަމުން” އިޙްސާން ވިދާޅުވިއެވެ.

އެއިމްސް ގައި އަލަށް ފެށި މި ޚިދުމަތާއެކު ޑޮކްޓރ ޑިއުޓީގައި ހުންނަވާ ގަޑިތކުގައްޔާއި އަދި އޮންކޯލް ޑިއުޓީގަޑިތަކުގައިވެސް ސްކޭން ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ޢަލީ އިޙްޞާން ވިދާޅުވިއެވެ.

އައްޑޫސިޓީގައި ރަނގަޅު ސިއްޚީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އެއިމްސް އިން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ދާދިފަހުން ވަނީ އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލާ ގުޅިގެން ޓެލެމެޑިސިން ގެ ޚިދުމަތް ވެސް ތައާރަފް ކޮށްފައެވެ.