އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމާއި ވާދަވެރިންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އުފައްދާ، ދޮގުހަދާ، ދެބައޮޑުވުންކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްދު ދެއްވައިފިއެވެ
މިއަދު އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ނަޝީދު “ގޮވަނީ ގުދޯގުދޯ” ކަމަށެވެ. “ވެރިންނަށް އާޑަފުރައްސާރަކޮށް “ގޮޅާބޯ” ގޮވަން ދަަސްކޮށްދިނީ ކޮންބައެއް؟ ބޭރު ދުނިޔޭގައި ރާއްޖޭގެ “ނަން ހަޑިކުރަން” ވާހަކަ ދެއްކީ ކޮންބައެއް؟ ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލީ ކޮންބައެއް؟ ސިފައިންނާއި ދިމާއަށް އަލިފާން ބޯޅަ އުކީ ކޮންބައެއް؟” އާދަމް ޝަރީފް ވަނީ ސުވާލުކުރައްވާފައެވެ.
އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕައިނަށް އުތުރުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. މި ގޮތުން ނަޝީދު ވިދާޅުވީ މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ކަމެއް ނެތްކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އާއި ވާދަވެރިން އެންމެ ކުރިއަރާ މޮޅުވެފައިވާ ކަންތައްތަކުގެ ތެރެއިން، އެންމެ ފުރަތަމަ ކަމަކީ އެމްޑީޕީ އާއި ދިމާލަށް ލާދީނީއޭ ގޮވުންކަމަށާއި، އެހެންނަމަވެސް އެއީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.