English Edition
Dhivehi Edition

އަހަރު ނިމެން ދެ ތިން ދުވަހަށްވެފައިވާ އިރު ނިމިގެން މިދާ 2019 ވަނަ އަހަރަކީ ވެސް ޓީވީ ތަރިންނަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. 2019 ވަނަ އަހަރު ގިނަ އާ ސިލްސިލާތަކެއް ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެން ދިޔަ އިރު މީގެ ތެރެއިން ބައެއް ތަރިންވަނީ އަހަރާއެކު އަލްވަދާއުވެސް ކިޔާފައެވެ. މި އަހަރުގެ ތެރޭގައި ސިލްސިލާތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިރިހެން ތަރިންގެ އަދަދު އިތުރުވެފައިވާއިރު މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުތައް ދެއްކުނު ތަރިންގެ ތެރޭގައި ޝަހީރް ޝެއިހް، މޮހޮސިން ހާން ފަދަ ތަރިން ހިމެނެއެވެ.

  • ޝަހީރް ޝެއިހް: ކުރިންވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ސިލްސިލާތަކެއްގައި ފެނިގެންދިޔަ ޝަހީރް މިއަހަރު ފެނިގެން ދިޔައީ ސްޓާޕްލަސް އިން ދައްކާ ‘ޔޭ ރިޝްތޭ ހޭ ޕިޔާރްކީ’ އިންނެވެ. އެ ޑްރާމާގައި ޝަހީރް ފެނިގެންދާ ރޯލަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އަންނަ އިރު އޭނާ މި ޑްރާމާގައި ފެނިގެންދަނީ އާއިލާ އާއި ދެކޮޅަށް ލޯތްބެއް ހާސިލްކޮށް އެ ލޯތްބަށްޓަކައި އާއިލާ ރުއްސުމަށް މަސައްކަތްކުރާ ޒުވާނެއްގެ ރޯލުންނެވެ.
  • ކަރަން ސިންގް ގުރޯވާ: މި އަހަރުގެ އެންމެ ހައިރާންކުރުވަނިވި އެބުރި އައުމަކީ ކަރަން ސިންގް އެބުރި އައުމެވެ. 04 އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު ކަރަން ފެނިގެންދިޔައީ އެކްތާކަޕޫރްގެ ‘ކަސޯޓީ ޒިންދަގީ ކޭ’އިންނެވެ. މިސްޓަރ ބަޖާޖްގެ ވަރުގަދަ ރޯލާ އެކު އެބުރު އައި ކަރަން އެ ޑްރާމާގައި ދެއްކި ހުނަރަށް ގިނަ ބައެއްގެ ތައުރީފް އޮހިފައިވާއިރު މިހާރު އަނެއްކާވެސް ކުޑަދުވަސްކޮޅަކަށް ކަރަން މި ވަނީ ގެއްލިފައެވެ. 2020 ވަނަ އަހަރާއެކު ޑްރާމާއަށް ބަޖާޖް އަންނާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން އަންނައިރު މި ޑްރާމާގައި ކަރަން ފެނިގެންދިޔައީ މުއްސަނދި ، ރުޅިގަދަ މެދު އުމުރު މީހެއްގެ ރޯލުންނެވެ.
  • މޮހޮސިން ހާން: މޮހޮސިން އަކީ މީގެ ތިން އަހަރުކުރިން ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ’ އަށް އުތުރު ދިރުމެއް ގެނެސްދެމުން އެ ޑްރާމާއަށް ތައާރަފްވީ ތަރިއެކެވެ. ކާތިކްގެ ރޯލުން ފެނިގެންދާ މޮހޮސިންގެ ރޯލަށް ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އަދިވެސް އޭނާއަކީ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. ޒުވާން ލޯބިވެރިއެއްގެ ރޯލުން ފެށިގެން އޯގާތެރި ފިރިއެއްގެ ރޯލު އަދި ޒިންމާދާރު ބައްޕައެއްގެ ރޯލުންވެސް ފެނިގެން ގޮސްފައިވާ މޮހޮސިންގެ ރޯލު އަންނަ އަހަރު ވަކި ހިސާބަކުން ނުފެނި ހިގައިދާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ބެލުންތެރިން މާޔޫސްވެފައިވާއިރު އަދި މި ޑްރާމާއަށް ގެންނަން އުޅޭ ބޮޑު ބަދަލަކީ ކޮބައިކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.
  • ޕާރްތު ސަމްތާން : މިއީ ފަހުގެ ތާރީހެއްގައިވެސް ސްޓާ ޕްލާސްއަށް ބޮޑު އިންގިލާބެއް ގެނައި ‘ވާ ކަސޯޓީ ޒިންދަގީ ކޭ’ އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. މީގެ ކުރިން އެ ޑްރާމާގައި އަނޫރާގްގެ ރޯލުން ފެނިގެން ދިޔަ ސިޒޭން ޚާން އާއި އެއްވަރުގެ މޮޅު ހުނަރެއް އެ ޑްރާމާގައި ދައްކަމުން އަންނަ ޕާރްތު ވަނީ މީގެ ކުރިންވެސް ކަލާސްގެ ޑްރާމައަކުން ފެނިގެންގޮސްފައެވެ. އެހެންނަމަވެސް މިހާރު އޭނާ ފެނިގެން މިދާ ކަސޯޓީ އަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ޑްރާމާކަމުގައި ޕާރްތުވެސް ދެކެއެވެ.
  • ކަރަން ޕަޓޭލް: ‘ޔޭހޭ މުހާބަތެއިން’ އިން ރުންކުރު އެހެންނަމަވެސް އަނބިމީހާ އާއި އާއިލާ ދެކެ އިންތިހާ ލޯބިވާ ރަމަން ގެ ރޯލުން ފެނިގެންދިޔަ ކަރަން އަކީވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ތަރިއެކެވެ. މި ޑްރާމާ ނިމުމަކަށް އައި ނަމަވެސް ޑްރާމާގެ ހަނދާންތައް ބެލުންތެރިންގެ ހިތުގައި އަބަދުވެސް އޮންނާނެކަން ޔަގީނެވެ

މީގެ އިތުރުންވެސް މި އަހަރު ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ‘ކަހާ ހަމް ކަހާ ތުމް’ ގައި ރޯހިތުގެ ރޯލުން ފެނިގެންދާ ކަރަން ވީ ގްރޯވާ އާއި ‘އިޝްގްމެ މަރްޖާވާ’ ގައި ދީޕްގެ ރޯލުން ފެނިގެންދިޔަ އަރްޖުން ބިޖްލާނީ އާއި ‘ކުމްކުމް ބާގިޔާ’ އިން ޝަބީރް އަހުލުވާލިއާ އަކީ ފަހަގަކޮށްލެވޭ ފަދަ ތަރިންނެވެ. އަހަރު ނިމި އާ އަހަރެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު ބެލުންތެރިން އަދިވެސް ތިބީ މި ތަރިންނާއެކު 2020 ވަނަ އަހަރުވެސް މުނިފޫހި ފިލުވުމަށް ތައްޔާރަށެވެ،