ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ޑްރާމާ ސިލްސިލާ ‘ޔޭހޭ މޮހައްބަތޭން’ގެ ތަރި ކަރަން ޕާޓޭލް އާއި އަންކިތާ ބަރްގަވާ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ. އަންކިތާ ވިހާފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ.
ދަރިއަކު ލިބުމުގެ އުފާފާޅުކުރަމުން ކަރަން ބުނީ އަންކިތާ އާއި ދަރިފުޅުގެ ހާލުވެސް ރަގަޅުކަމަށެވެ. އަދި އޭނާ ބައްޕައަކަށް ވީ ދުވަހަކީ ހަޔާތުގައިވެސް އެއްފަހަރާ ހުރިހާ އިހްސާސްތަކެއް ކުރުވި އަދި ހަނދާނުން ފޮހެލަން އުދަގޫ ދުވަހެއްކަމުގައި ކަރަން ވަނީ ބުނެފައެވެ. “އަހަރެން ބޭނުން އަހަރެމެންނަށްޓަކައި ދުއާކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަރިސްކުރަން” އޭނާގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ޝުކުރު ދަންނަވަމުން ކަރަންވަނީ ބުނެފައެވެ.
2015 އަހަރު އަންކިތާ އާއި ކަރަން ކައިވެނިކޮށްފައިވާއިރު މި ދެތަރިން ދިމާވެފައިވަނީ ޔޭހޭ މޮހައްބަތޭން ގެ ތެރެއިންނެވެ.އެ ޑްރާމާގެ ތެރެއިން ކަރަން އާއި އަންކިތާ ދިމާވެ، އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޑްރާމާގައި ގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ އެވެ. މި ދެތަރިންގެ ކައިވެންޏަށް 03 އަހަރު ފަހުން 2018 ވަނަ އަހަރު އަންކިތާ ބަލިވެ އިން ނަމަވެސް އޭނާގެ ފުރަތަމަ ދަރިފުޅުވަނީ ހަތަރު މަހުގައި ބައިގެން ގޮސްފައެވެ. އޭރު ދަރިފުޅު ބައިގެން ދިޔަ ސަބަބާއި ބެހޭ ގޮތުން މީޑިއާގައި މާ ބޮޑު ވާހަކަތަކެއް މި ދެތަރިންވެސް ހިއްސާކޮށްފައި ނުވާއިރު މި ފަހަރު އަންކިތާ ބަލިވެ އިންކަން މީޑިއާގައި ހިއްސާކޮށްފައިވަނީވެސް ވިހަން މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށެވެ.