ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ރޭ އިލެކްޝަން ކޮމިޝަނުން އިއުލާންކުރުމާއެކު އެންމެ ބޮޑު ލޮޅުންތަކެއް އަރައިގެން ދިޔައީ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ކަނބަރު ބަދެގެން ތިބި ފިރިހެންވެރިންނަށެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި މަރަދޫފެދޫ އާއި މީދޫ އެއް ދާއިރާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މީދޫއަށްވެސް ވަކި ގޮނޑިއެއް ލިބިގެން ދިޔުންވެގެން ދިޔައީ މީދޫ ރައްޔަތުންނަށްވެސް ހެޔޮ ބަދަލެއްގެ ފެށުން ކަމުގައެވެ. އެހެން ނަމަވެސް އެ ހިތްހަމަޖެހުމާއި އުފާވެރިކަން ވަނީ ކެމްޕެއިންގެ ޕްރައިމަރީ އާއި ހަމައަށް ނުދަނީސް ނިމުމަކަށް އައިސްފައެވެ.
‘ރާއްޖެ ޓީވީ’އިން ވަގުތުން ދައްކަމުން ދިޔަ ގުރު ނިމުމާއެކު ފޭސްބުކާއި، ވައިބާ ގުރޫޕްތައް ކެކި އުތުރިގަތެވެ. މި ހިތްހަމަނުޖެހުންތަކާއި އެކު ދާއިރާގެ މެމްބަރަށާއި ސަރުކާރަށްވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މީދޫ ރައްޔަތުންގެ ހައްގުތައް ހޯދުމުގައި ފަހަތަށް ނުޖެހޭނެ ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ގޮތުން މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުވަމުން ދިޔަ އަހްމަދު ޝާމިލްގެ ވައިބާ ގުރޫޕުގައި އެމްޑީޕީގެ މެމްބަރުންނާއި އެހެނިހެން ރައްޔަތުންވެސް މި ވަނީ ނުރުހުންފާޅުކޮށް އެ ނިންމުން ބަދަލުނުކޮށްފި ނަމަ ސިޓީ އިން ވަކިވެ ރަށު ކައުންސިލެއް އުފެއްދުމަށް ޕެޓިޝަން ހަދާނެ ކަމުގައި ބުނެފައެވެ.
މި ވާހަކަތަކާއި ގުޅިގެން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ސިޓީ އިން ވަކިވާން ބޭނުންނަމަ އެކަންވެސް ކުރަންޖެހޭ ކަމަށާއި މި ކަމުގައި ރައްޔަތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި އެއް ގޮނޑިއަށްވުރެ ގިނަ ގޮނޑިތައް ހުރި ދާއިރާތަކަށް އަންހެން ގޮނޑި ހަމަޖެއްސުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި މިހާރު އިލެކްޝަނަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ވާހަކަދެކެވިފައި އޮތީ އެ ގޮތަށް ކަމަށާއި މި ކަމުގައި ގިނަ ރައްޔަތުން ބޭނުންވާ ގޮތަށް ވަކާލުތުކުރައްވާނެ ކަމުގައި ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޮޒައިނާ ވަނީ މި ކަމުގައި ރައްޔަތުން ކުރިއަށް ދާގޮތަކަށް ރައްޔަތުންނާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.