English Edition
Dhivehi Edition

އައްޑޫ ސިޓީގެ ސިއްހީ ދާއިރާގެ ހާލަތު ވަރަށް ދަށްކަމަށާއި މި ސަރުކާރާއި އެކު ފާއިތުވެދިޔަ އެއް އަހަރު އައްޑޫ ސިޓީގެ ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެނެވިފައިވާކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއެކު އައްޑޫ ސިޓީގެ ސިއްހީ ދާއިރާއަށް އަންނާނެ ބަދަލުތަކާއި ބެހޭ ގޮތުން ‘ހުސް ކާފު’ ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އެ ހޮސްޕިޓަލަކީ މާގިނަ ފަރުވާތަކެއް ދެވެން ހުރި ހޮސްޕިޓަލެއް ނޫންކަމަށެވެ. “މިދިޔަ ދުވަސްތަކުގެ އަޅިގަނޑުމެންނަށް ފާހަގަކުރެވުނު އެތަނުގެ ހިދުމަތްތައް ވަރަށް ބޮޑުތަނުން ދަށްވެފަ އޮތްކަން. ބައެއް ހާލަތްތަކުގައި އެކްސްރޭ ނަގަންވެސް ޕްރައިވެޓް ކްލިނިކްތަކަށް ދާންޖެހޭ ހާލަތްތައް ދިޔަ.” ސޯބެ ވިދާޅުވިއެވެ.”މި ސަރުކާރު ވެރިކަމަށް އައިސް އެ މައްސަލަތައް ބަލުމަށްފަހު ހޮސްޕިޓަލްގައި ހުރި މައްސަލަތައް ހައްލުކުރަން ފެށީ. މި ސަރުކާރުން ހަވާލުވިއިރު ހޮސްޕިޓަލް އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފަ. އެ ހިސާބުން އެ މައްސަލަތައް ހައްލުކުރަން ކުރެވުނު މަސައްކަތްތައް ރަގަޅުކަމަށް އަޅުގަނޑު ގަބޫލުކުރަނީ”ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސޯބެ ވިދާޅުވީ ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރިން ލިބެމުން އައި ޝަކުވާތައް ހައްލުކުރެވި ދެވެން ހުރި ހިދުމަތްތައް ރަގަޅު ކުރެވިގެން ދިޔަ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއަށް ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވި،ހައްލުކުރަން ކުރެވުނު މަސައްކަތްތައް ވަރަށް ގާތުން ރައީސް އަދި ނައިބް ރައީސް އަދި މިނިސްޓްރީންވެސް ބެއްލެވި ކަމަށެވެ. “ފާއިތުވެ ދިޔަ އެއް އަހަރު ހޮސްޕިޓަލުން ދެވެން ހުރި ހިދުމަތްތައް ރަގަޅު ކުރެވުނު” ސޯބެ ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލްހޮސްޕިޓަލާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އެ ހޮސްޕިޓަލް ޑިސެމްބަރު ނިމި އަންނަ އަހަރާ އެކު ހުޅުވިގެންދާނެކަމަށެވެ. “ހޮސްޕިޓަލް ހުޅުވޭނެ ތާރީހެއް ކަޑައަޅާ އެކަން އިއުލާންކުރެވިގެންދާނެ.”ސޯބެ ވިދާޅުވިއެވެ. އައްޑޫ އާ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ސޯބެ ވިދާޅުވީ މި ހޮސްޕިޓަލާއެކު އައްޑޫގެ ސިއްހީ ދާއިރާގައި ހުރި މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށެވެ.