English Edition
Dhivehi Edition

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެއްވެސް އެއްޗެއް ރަށުން ބޭރަށް ނުގެންދާ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ބައެއް ސާމްނަތައް ރަށުން ބޭރަށް ގެންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ފޮޓޯތަކާއި ވީޑިއޯތަކާއި ގުޅިގެންނެވެ. މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯ އާއި އެކު ގިނަ ބަޔަކު އައްޑޫ ސިޓީ މެޔަރަށާއި ކައުންސިލަރުންނަށް ޓެގްކޮށް ސަރުކާރަށް ފާޑުކިޔާފައިވާއިރު ސޯބެ ވަނީ މި ވީޑިއޯގެ ހަގީގަތް ހާމަކުރައްވާފައެވެ. މި ގޮތުން ސޯބެ ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް ގެނައި އެއްވެސް އެއްޗެއް އަދި އައްޑޫގެ ކުރީގެ ހޮސްޕިޓަލުގައި ހުރި އެއްވެސް އެއްޗެއް ވެސް ރަށުން ބޭރަށް ނުގެންދެވޭނެ ކަމަށެވެ. އަދި ސަރުކާރުން ވެސް އެފަދަ ކަމެއް ކުރަން ނޫޅޭ ކަމުގެ ޔަގީންކަން ސޯބެ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ސޯބެ ވިދާޅުވީ އާގަލާ ބޯޓުން މާލެ ގެންދަނީ ހޮސްޕިޓަލްގެ މެޑިކަލް އިކުއިޕްމެންޓްސް ސަޕްލަޔާ މެޑިޓެކް އިން އައްޑޫ ހޮސްޕިޓަލުގެ މަސައްކަތަށް ގެނެސްގެން ހުސްވި ތިން ސިލިންޑަރުކަމަށެވެ.

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރެގައެވެ، އާ ހޮސްޕިޓަލް ހުޅުވި ނަމަވެސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.އައްޑޫގައި ހެދި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ތަނެކެވެ.