English Edition
Dhivehi Edition

އައްޑޫ އެއާރޕޯޓު ތަރައްޤީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ރިޔާސީ ވަޢުދެއް ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު(ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ މިހެން ވިދާޅުވީ ރޭ ސިއެންއެމް އިން ގެނެސްދިން ‘އިތުރު ކާފު’ގައި، ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އައްޑޫ ސިޓީއަށް ލިބިގެން އަންނާނެ ކުރިއެރުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

އައްޑޫ ގައި ޓޫރިޒަމަށް 8000 އެނދު ތަރައްޤީކުރުމަށް މި ސަރުކާރުން ނިންމާފައިވާއިރު ޓޫރިޒަމާއި ގުޅިގެން އެއާރޕޯޓަށް އަންނަންޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ ފަތުރުވެރިކަމާއި އިގްތިސާދީ އެހެނިހެން ކަންކަންވެސް ކުރިއަރައިދާނީ ރަގަޅު ދަތުރުފަތުރުގެ ނިޒާމެއް އޮވެގެން ކަމަށެވެ. “މިހާރުވެސް އައްޑޫގެ އެއާރޕޯޓް އެ އޮތީ ބޭރު ގައުމުތަކުގެ ބޯޓުތަކަށް ބޭނުންކުރެވޭ ފެންވަރަށް. މިހާރުވެސް އައްޑޫއަށް ސްރީލަންކަން ދަތުރުކުރޭ ހަފްތާއަކު ތިން ދުވަހު . ސައުތް އެފްރިކާގެ ޗާޓަރު ފްލައިޓްތަކާއި ޖެޓްތައް އެބަ އާދޭ. އެހެންވީމަ ހަގީގަތުގަ އިންޓަނޭޝަނަލް އެއާރޕޯޓް އެއީ ނަމަކަށް އެޅުވި ބޯޑެއް ނޫން” ސޯބެ ވިދާޅުވިއެވެ.

ސްރީލަންކަން ފަލައިޓާއި ޑޮމެސްޓިކް ފްލައިޓްތަކުގެ ޝެޑިއުލް ދިމާނުވާކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ސްރީލަންކަންގެ ފަލައިޓާ އެހެނިހެން ޑޮމެސްޓިކް ފަލައިޓްތަކާއި މޯލްޑިވިއަންގެ ފަލައިޓްގެ ޝެޑިއުލަތައް ދިމާކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ” ސްރީލަންކަން އާއި މޯލްޑިވިއަންގެ ޝެޑިއުލް ދިމާނުވުމުން ފަތުރުވެރިންނަށް ކައރި އެހެން އަތޮޅުތަކުގެ ރިސޯޓަށް ދިއުމުގެ ފުރުސަތެއް ނުލިބޭ. އެމީހުން ދާން މިޖެހެނީ އައްޑޫގެ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށް “ސޯބެ ވިދާޅުވިއެވެ.

މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އައްޑޫ އާއި ހުވަދޫ އާއި ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާ އިރު ސޯބެ ވިދާޅުވީ މިއީ އައްޑޫ ސިޓީ ކައުންސިލާއި ދެކުނުގެ ކައުންސިލްތަކާއި ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން މަސައްކަތްކޮށްގެން ކުރެވުނު ވަރަށް ރަގަޅު މަސައްކަތެއް ކަމަށާއި މި ޝެޑިއުލް ދަތުރުތައް ސްރީލަންކަންގެ ޝެޑިއުލް އާއި ގާތްކުރެވޭނެ ކަމަށެވެ. “މިހާރުވެސް ސްރީލަންކަން އެއާރލައިން އިންވަނީ ދަތުރުކުރާ މީހުން އިތުރުވެއްޖެ ނަމަ ކޮންމެ ދުވަހަކު ޝެޑިއުލް ފަލައިޓް ބާއްވާނެ ކަމުގެ ޔަގީންކަން ދީފަ. އައްޑޫ އާއި ހުވަދޫ އާއި ދޭތެރޭ ދަތުރުތައް ފެށުމުން މިކަން ރަގަޅަށް ކުރިއަށްދާނެ”ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސޯބެ ވިދާޅުވީ އައްޑޫ އެއާރޕޯޓުގެ ތަރައްޤީ އަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.” އައްޑޫ އެއާރޕޯޓު މާ ބޮޑުތަނުންވެސް ރަނގަޅު ކުރަން ޖެހޭ. އެނގިވަޑައިގަންނަވާނެ ރައީސް ގެ ރިޔާސީ ވަޢުދެއް މި ފަސް އަހަރު ތެރޭގައި، އިންޓަރނޭޝަނަލް ފަސް ޑެސްޓިނޭޝަން އަކުން އައްޑޫއަށް ދަތުރު ކުރުމުގެ ފުރުޞަތު ފަހި ކޮށްދިނުމަކީ. އެކަން ފަހިކޮށްދެއްވަން ވިދާޅުވެފަ އެ އޮތީ ހަމަ ޔަޤީނުންވެސް އައްޑޫ އެއާރޕޯޓު ތަރައްޤީ ކުރަން ބޭނުންވާތީ. ” ސޯބެ ވިދާޅުވިއެވެ. ސަރުކާރުން އެއާރޕޯޓްގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެއާރޕޯޓް ރަގަޅަށް ހިނގައިގަންނާނެ ކަމަށް ފާހަގަކޮށް ސޯބެ ވިދާޅުވީ ކުރިއަށް މިއޮތް އެއް އަހަރު ތެރޭ އެއާރޕޯޓް ތަރައްޤީވެގެންދާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން ސޯބެ ވިދާޅުވީ އައްޑޫ އެއަރޕޯޓް ވެގެންދާނީ ދެކުނުގެ ތަރައްޤީގެ މައި ދޮރާއްޓަށް ކަމުގައެވެ.