English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރްގެ މޮޅު ހުނަރު ފެނިގެން ދިޔަ ފިލްމު ‘ކަބީރް ސިންގް’ އަކީ މި އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގައި ޝާހިދު ދެއްކި މޮޅު އެކްޓިންގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ތައުރީފްކޮށްފައިވާއިރު މި ފިލްމަށްވަނީ 280 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މި ފިލްމު ރިލީޒްކުރުމާއެކު ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައިރު ދިމާވި ދަތިތަކުގެ ވާހަކަތައްވެސް ޝާހިދު ވަނީ މިޑިއާގައި އޭރު ހިއްސާކޮށްފައެވެ.

މި ފިލްމުގެ ގިނަ ކާމިޔާބީތަކާއެކު މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ ރޯލަށް ޝާހިދު ވަރަށް ބޮޑަށް އުއްމީދުކުރިއެވެ. މި ގޮތުން ދާދި ފަހުން ބޭއްވި އެވޯޑް ހަފްލާގައި ޝާހިދު އަށް އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރި ނަމަވެސް އެންމެ ފަހު ވަގުތު އެ އުއްމީދުތައް މި ވަނީ ފެނަށްވެފައެވެ. އޭނާގެ މޮޅު ހުނަރު ސްޓޭޖް މަތީގައި ދެއްކުމަށް ތައްޔާރުވަމުން ދިޔައިރު، ޝާހިދުއަށް އެވޯޑެއް ލިބޭ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ޝާހިދު އުއްމީދު ކުރި އެވޯޑް ލިބިގެން ދިޔައީ އޭނާއަކަށް ނޫނެވެ. “ޝާހިދު ސްޓޭޖްމަތީގައި ޑާންސްކުރުމަށް ރިހާސަލްވެސް ކުރި. އަދި އޭނާއަށް ބެސްޓް އެކްޓަރުގެ އެވޯޑް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއްވެސް ވަނީ ލިބިފައި. އެހެންނަމަވެސް އެންމެ ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުވުމުން ޝާހިދު ވަރަށް ހިތްހަމަނުޖެހުނު” ޝާހިދުގެ ގާތް ފަރާތަކުން ބުންޏެވެ.

އެންމެ ފަހު ވަގުތު ޝާހިދު އަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވޯޑް ރަންވީރް ސިންގް އަށް ލިބިފައިވާއިރު ޝާހިދު ވަނީ ހަފްލާގެ މެދުތެރެއިން އެ ހަފްލާ ދޫކޮށްލާފައެވެ. “ޝާހިދުގެ ސްޓޭޖް ޕާފޯމެންސްވެސް ނުދީ ހަފްލާ ދޫކޮށް ދިޔައީ. އޭނާ ހުރީ އެ ހަފްލާ އިންތިޒާމުކުރި ފަރާތުން ކަންތައް ކުރި ގޮތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. ޝާހިދުއަށް ލިބެން އޮތް އެވޯޑެއް އެންމެ ފަހު ވަގުތު އެމީހުން އެހެން ތަރިއަކަށްދިނީ. ” ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޝާހިދުގެ ގާތް ފަރާތަކުން ބުންޏެވެ.

ޝާހިދު ހަފްލާ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި ސްޓޭޖް ޕާފޯމެންސެއް ދޭނެ ފަރާތެއް އަދި ޓީވީ ޗެނަލްއަށް ހޯދިފައި ނުވާއިރު މި ހަފްލާ ޓީވީއިން ދައްކާނެ ވަކި ތާރީހެއްވެސް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ޝާހިދުގެ އެންމެ އުއްމީދީ ފިލްމު ކަބީރް ސިންގް އަކީ ތެލެގު ބްލޮކްބާސްޓަރ “އަރުޖުން ރެޑީ” ގެ ރީމޭކް އެކެވެ.މި ފިލްމަކީ ކާމިޔާބު ޒުވާން ސަރޖަންއެއް ކަމުގައިވާ އަރްޖުން ރެޑީ ނަމަކަށް ކިޔާ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ. އޭނާ އަމިއްލަ ހަޔާތް ބަރުބާދުކޮށްލަން ނިކުންނަނީ އޭނާގެ ލޯބިވެރިޔާ އެހެން ފިރިހެނަކާ އިންނަން މަޖިބޫރުކުރާ ހިސާބުންނެވެ.