ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގު އާއި އަނބިމީހާ ދީޕިކާ ޕަޑުކޯން އައީ ބޮލީވުޑްގެ އެންމެ ގުޅޭ އެއް ޖޯޑެވެ. މީގެ 09 އަހަރު ކުރިން ލޯބީގެ ގޮތުން ގުޅި 2018 ވަނަ އަހަރު ކައިވެނި ކުރި މި ޖޯޑަށް ދަރިއަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ސަޕޯޓަރުން ތިބި އިރު ރަންވީރު މި ވަނީ ބެލުންތެރިންނާއި އުއްމީދީ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމު، “ޖަޔޭޝްބާއީ ޖޯދާރު” ގެ ޕްރޮމޯޝަންގައި ވަރަށް ބިޒީކޮށް އޭނާ އުޅެމުން އަންނައިރު މި ފިލްމުގައި އޭނާ ފެނިގެން ދާނީ ބައްޕައެއްގެ ރޯލުންނެވެ. ޖިންސީ ތަފާތު ކުރުންތަކާއި ބެހޭ ގޮތުން އުފައްދާފައިވާ މި ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިއަކު ވަނީ ރަންވީރު ބޭނުންވަނީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ސުވާލުކޮށްފައެވެ.
މި ސުވާލަަށް ޖަވާބު ދެމުން ރަންވީރު ވަނީ ދަރިންނަކީ ނިއުމަތެއް ކަމަށާއި ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އަދި މިހާރުވެސް ދެ ޖިންސުގެ ކުދިންނަށް ކިޔާ ނަންތައް ހޯދަމުން ދާ ކަމަށާއި، އެ ނަންތައް ދީޕިކާ އާއި ވެސް ހިއްސާކުރަމުން އަންނަކަމަށް ރަންވީރު ވަނީ ބުނެފައެވެ. “އަހަރެން މިހާރުވެސް މިދަނީ ‘ޔުނީކް’ ނަންތައް ހޯދަމުން. ބައެއް ނަން ނަމަކީ ވަރަށް ބާރުގަދަ ނަންތައް. ބައެއް ނަން ނަމަކީ ވަރަށް ލޯބި ނަންތައް. ބައެއް ނަމަކީ ވަރަށް ކުރު ނަންތައް އެކަމަކު އެ ނަންތައް އެއްވެސް މީހަކާއި ހިއްސާކުރާކަށް އަދި ބޭނުމެއް ނޫން. އަހަރެން ދީޕިކާ ނޫން މީހަކާއި އެ ވާހަކަ ހިއްސާއެއް ނުކުރަން” ރަންވީރު ބުންޏެވެ.
އިތުރަށް ރަންވީރު ބުނީ އޭނާ ހޯދާފައިވާ ނަންތައް އެހެން މީހަކާއި ހިއްސާކުރަން ބޭނުން ނުވާ އެންމެ ބޮޑު ސަބަބަކީ އޭނާއަށްވުރެ ކުރިން އެ ނަން އެހެން މީހަކު ބޭނުންކޮށްފާނެތީކަމަށެވެ.