English Edition
Dhivehi Edition

ރާއްޖޭގައި ބާއްވާ ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި ފަށައިފިއެވެ. މި އިންތިހާބްގައި މި ފަހަރު އައްޑޫން ވޯޓް ލުމުގެ ހައްގު 23،012 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިހާބްގައި އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑިއަށް 19 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. ވެރިކަން ކުރާ ޕީޕީއެމްއިން 7 ކެންޑިޑޭޓަކު ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން 7 ކެންޑިޑޭޓަކު އަދި އަމިއްލަ ގޮތުން ވާދަ ކުރާ 5 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. މިފަހަރުގެ މުޅި އިންތިޚާބުގައި ޕީޕީއެމުން 521 ކެންޑިޑޭޓުން ކުރިމަތިލާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރިމަތިލާފައިވަނީ 469 ކެންޑިޑޭޓުންނެވެ. އަދި ޖުމްހޫރީ ޕާޓީން 93 ކެންޑިޑޭޓުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވަނީ 49 ކެންޑިޑޭޓުން ނެރެފައިވާއިރު ޑީއާރްޕީގެ އެއް ކެނޑިޑޭޓާއި އެކު އަމިއްލަ ގޮތުން 363 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބެނީ 255،987 މީހުންނަށެވެ. އޭގެތެރެއިން 45745 މީހުން ރީ ރަޖިސްޓްރީކޮށްފައިވެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބު މިއަދު މިބާއްވަނީ ތިންފަހަރެއްގެ މަތިން އިންތިޚާބު ލަސްކުރުމަށް ފަހުއެވެ. އިންތިޚާބު ބާއްވަން ފުރަތަމަ ތާވަލް ކުރީ ޖަނަވަރީ 14 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފަސްކުރި އެވެ. އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމުންނެވެ.