English Edition
Dhivehi Edition

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.

އިދިކޮޅު މެމްބަރުން ރިޔާސަތުގެ ކުރިމަތީގައި ތިއްބަވައިގެން ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވަމުންދާއިރު ، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޖިލިސް މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވަމުންނެވެ.

މަޖިލިހުގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން ރައްދު ދެއްވި ނަމަވެސް މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވީ އިހުތިޖާޖް ކުރައްވާ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވާހަކަ ނުދައްކަވާ ތިއްބެވުމަށެވެ.އަދި އިދިކޮޅު ފަރާތްތަކުން އަޑުގަދަކުރަމުންދާތީ މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނީ ހެޑްސެޓް އަޅުއްވައިގެން އެވެ.

ޔާމީން ދޫކޮށްލަން ގޮވާލައި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހުވެސް މަޖިލީހުގައި އިހްތިޖާޖް ކުރާނެ ކަމަށް އިދިކޮޅު މެމްބަރުން ބުނެފައިވާއިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ.